ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ހޯރަފުށީގައި އެއާޕޯޓެއް އަޅަން ނިންމާފައިވާކަމަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. ނަމަވެސް އަޅާނެ ވަކި ތާރީހެއް އެމަނިކުފާނު އެފަހަރު ހާމައެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ހޯރަފުށީ ކައިރީ މިއަހަރުގެ ތެރޭގައި އެއާޕޯޓެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރީޖިނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް މީގެކުރިން ވިދާޅުވެފައި ވަނީ ހއ. ހޯރަފުށި ކައިރީ އޮންނަ އެ އަތޮޅު މާފިނޮޅުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި ހދ. ކުޅުދުއްފުށްޓާއި، ނ. މާފަރާއި، ށ. ފުނަދޫ އަދި ގދ. މާވާރުލުގައި އެއާޕޯޓު އަޅައި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

ކުޅުދުއްފުއްޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓު އެޅުމަށް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭ އެންމެ ފުރަތަމަ ހަވާލު ކޮށްފައި ވަނީ މެލޭޝިއާގެ ގުރައިފޯން އެނާޖީ ކޯޕަރޭޝަނާ އެވެ. ނަމަވެސް މަސައްކަތް ކުރަން ބޭނުންވާ ވަރަށް އެކުންފުންޏަށް ފައިސާ ހަމަނުޖެއްސިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އެއްބަސްވުން ވަނީ އުވާލާފައެވެ.

ކުޅުދުއްފުށީ އެއާޕޯޓު ހެދުމަށް ޓަކައި އެރަށުގެ ފަޅުން ހަ ހެކްޓަރު، އަދި އެރަށުގެ ކުޅިން ނުވަ ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާފައެވެ. އެ މަސައްކަތް ކުރީ އެމްޓީސީސީން، އެކުންފުނީގެ ޑްރެޖަރު "މަހާ ޖައްރާފުން"ނެވެ. އަދި އޭގެ ފަހުން ކުޅުދުއްފުށީގައި އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން އެޅުމަށް އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފައެވެ.

މީގެ އިތުރުން ފުނަދޫގައި އެއާޕޯޓު ހަދާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން ހިއްކަން ވަނީ ފަށައިފައެވެ.

ފުނަދޫއާއި މާވަރުލު އެއާޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ހަދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފައެވެ.