21 Feb 2018, 20:00
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް މިރޭ ބާއްވާ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓް ކުރުމަށް އިދިކޮޅު މެމްބަރުން ނިންމައިފި އެވެ.
މިރޭ ނުވައެއް ޖާހާއިރަށް ޖަލްސާ ތާވަލުކޮށްފައިވާއިރު އިދިކޮޅު ޕީޖީ ގުރޫޕުން މިއަދު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ނިންމީ ޖަލްސާ ބޮއިކޮޓް ކުރުމަށެވެ.
ބޮއިކުރަން ނިންމި ސަބަބެއް ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަޖިލީހުގެ 14 މެމްބަރުންނަށް ޖަލްސާއަށް ނުވަދެވޭގޮތަށް ކުރިއަށް ގެންދާ ޖަލްސާއަކަށް ވަތީ އެހެން މެމްބަރުން ޖަލްސާއަށް ހާޒިރުވާން ބޭނުން ނުވަނީ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަކީ މަޖިލީހުގެ ރައީސް ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުނުކުރާތީ މަސީހު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރިވާން ބޭނުން ނުވަނީ ކަމަށް އަމީތު ވިދާޅުވި އެވެ.
މަޖިލީހުގެ ދައުރުން ބޭރުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބޭއްވި ދެ ޖަލްސާވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.
މަޖިލީހުގެ މިރޭގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ. ޖަލްސާ ބާއްވަނީ ދަރުބާރުގޭގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ އަހަރަކު މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭ ޖަލްސާގައި ރައީށުލް ޖުމްހޫރިއްޔާ ގައުމުގައި ހުރި މައްސަލަތަކާއި ހިނގަމުންދާ ކަންކަމަަށް ރިއާޔަތްކޮށް ރިޔާސީ ބަޔާނެއް އިއްވަވަން ޖެހޭނެ އެވެ.