ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސުޕްރީމް ކޯޓަށް ލަފައަކަށް އެދި ހުށަހެޅި މައްސަލަ ބަލައި ނިމެންދެން މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދި އިއްޔެ ގަރާރެއް ފޮނުވާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ބެހޭ ގޮތުން މަޖިލީހުގައި ވޯޓަށް އެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބެގެން ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދާފައިވާތީ ކަމަށް ބުނެ އެވެ. މިއަދު އެމައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ ގަރާރާ ބެހޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށެވެ.

އިއްޔެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާތަލުގެ ގަރާރު 30 ދުވަހަށް މުއްދަތު އިތުރުކޮށް ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ ވޯޓާ އެކު އެވެ. އަދި ގަރާރުގެ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އެގޮތުން ކުއްލި ހާލަތުގައި ހިފަހައްޓާފައިވާ ގާނޫނުއަސާސީގެ 100، 101، 113، 228 ވަނަ މާއްދާ ވަނީ ގަރާރުން އުނިކޮށްފައެވެ.

"ކުއްލި ހާލަތުގެ ގަރާރާ ބެހޭގޮތުން ގޮތެއް ނިންމާއިރު އެ މަޖިލީހުގެ ގާނޫނީ އަދަދަކީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނެފައިވާ ގާނޫނީ އަދަދު ކަމަށް މި މަޖިލީހަށް ފެނުނު ހިނދު އެކަން އެގޮތަށް މި މަޖިލީހުން ކުރިއަށް ގެންގޮސްފައިވާނެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން މި މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދާ ކަމަށްޓަކައި ގާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ގާނޫނީ ލަފައަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން މި ގަރާރުން ފާސްކުރަމެވެ،" މަޖިލީހުން ސުޕްރީމް ކޯޓަށް ފޮނުވި ގަރާރުގައި ބުނެފައިވެއެވެ.