Back
Nov 23, 2025 SUN
SUN

ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން މަޖިލީހުން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް: އިންޑިއާ

ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން މަޖިލީހުން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް: އިންޑިއާ
Lead photo

ރާއްޖޭގައި މިމަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން މަޖިލީހުން ރުހުން ދިނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ޖުޑިޝަރީ ފަދަ ޑިމޮކްރެޓިކް އިދާރާތަކުގެ މަސައްކަތްތަކާއި ސިޔާސީ އެހެނިހެން މަސައްކަތްތައް ހުއްޓުވުމަކީ ރާއްޖެ އާއްމު ހާލަތަށް ރުޖޫއަވުން ލަސްވެގެން ދާނެ ކަމެއް ކަމަށް ބުނެފައެވެ.

އަދި ހުރިހާ ޑިމޮކްރެޓިކް އިދާރާތަކަށްވެސް ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކޮށްފައެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި އެބަޔާނުގައި ވަނީ ރާއްޖޭ ވީހާވެސް އަވަހަކަށް ދިމިގްރާތީ ވެރިކަމަކަށް އެނބުރި އައުމަށް ގޮވާލާފައެވެ.

މީގެ އިތުރުން އެމެރިކާއިން ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމުން ކަންބޮޑުވުން ފާޅުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތަށް 30 ދުވަސް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ، މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގެންނެވި އެ ޖަލްސާގައި، ރައީސް ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ސަރުކާރަށް ތާއީދުކުރާ 38 މެމްބަރެެއްގެ ވޯޓުންނެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެ ނިންމުމަކީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)އާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވަމުންނެވެ.

ގާނޫނުގެ އެ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބި ނަމައެވެ.

މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 85 މެމްބަރުންނެވެ. ދެބައިކުޅަ އެއްބައި ވޯޓު ނަގާ މަޖިލީހެއްގައި ހާޒިރުވެ ތިބެން ޖެހޭ ނަމަ 43 މެމްބަރުން ޖަލްސާއަށް ހާޒިރުވެ ތިބެން ޖެހޭނެ އެވެ.

ނަމަވެސް އިއްޔެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެފައިވަނީ، ރައްޔިތުން އޭގެ މައްޗަށް ލާޒިމްކުރާ ކަންކަން ބަޔާންކޮށް، މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކަމަށާއި އެހެންކަމުން ވޯޓަށް އައްސަވަނީ މަޖިލީހުގެ އާންމު އުސޫލުން ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics