21 Feb 2018, 15:45
ތިލަފުށީގައި އަލަށް ހަދާ ވޭސްޓް މެނޭޖުމަންޓް ސިސްޓަމް ބެހެއްޓުމަށް އެ ރަށުގައި ބިން ހިއްކުމުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 105.5 މިލިއަން ރުފިޔާ އަަށެވެ.
އެންވާރަމަންޓް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި، އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާއެވެ.
ކުނިނައްތާލުމަށް ތިލަފުށީގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ: މުހައްމަދު އަފުރާހު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 240 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތޯރިގު ވިދާޅުވީ ކުނި ނައްތާލުމުގެ ގޮތުން، ކުނި އެންދުމުން ގިނަ ބަޔަކަށް ސިއްހީ ގޮތުންނާއި އާންމުންނަށް އޭގެ އުނދަގޫ ފޯރާ ކަަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްކާތެރިކަމާ އެކު ކުނި ނައްތާލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މާލެ ސަރަހައްދަކީ އެންމެ ބޮޑު އެއް ސަރަހައްދު ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް. އެންމެ ގޮން ޖެހުންތައް ހުރި. އެއީ މި ވޭތުވެދިޔަ ހުރިހާ ދުވަހަކު ވެސް ތިލަފުށީގައި ކުނި މެނޭޖްކުރަމުން ދިޔައީ މިތަނަށް ގެންދާ ކުނި އަންދާފައި އަބަދު ވެސް 24 ގަޑިއިރު ކުނި އެންދުމުގެ ނިޒާމެއް ގާއިމްކުރެވިފައި މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުނިނައްތާލުމަށް ތިލަފުށީގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ-- ސަން ފޮޓޯ: މުހައްމަދު އަފުރާހު
ބިން ހިއްކާ ނިމޭ އިރު، އެތަނުގެ އިންފްރާސްޓަކްޗާ ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އޭޑީބީ އިން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
ޢޭޑީބީގެ އެހީ ލިބުމުން އިސްސިޔުނޭޓަރެއްގެ އިތުރުން، ލޭންޑް ފިލް ސިސްޓަމަކާއި އަދި އިންސިޔުނޭޓަރުގެ ހޫނުން ކަރަންޓް އުފެއްދޭނެ ނިޒާމެއް ގާއިމްކުރެވިގެން ދާނެ ކަމަށާއި އަދި އެ ވަސީލަތްތަކުގެ ޑިޒައިން މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.