"މީހަކާ މުއާމަލާތްކުރާ އިރު، ދަންނަ ބަހަކުން ވާހަކަ ދައްކައިފި ނަމަ ތިބާ ބުނާއެއްޗެއް އަނެކާ އަށް އެނގޭނެ. ނަމަވެސް ވާހަކަ ދައްކާ އިރު އަނެކާގެ މާދަރީ ބަހުން ވާހަކަ ދައިފި ނަމަ، ތިބާ ބުނާ ބަސް އަނެކާގެ ހިތުގައި ބިންވަޅުނެގިގެން ދާނެ" މިއީ ދުނިޔެއަށް ނަމޫނާ ދައްކައިދިން ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ވިދާޅުވި އިބްރަތްތެރި ބަސްކޮޅެކެވެ.

ހަތް ބިލިއަން މީހުން ދުނިޔޭގެ އާބާދީގައި ހިއްސާ ކުރާ އިރު ކޮންމެ މީހަކީ ވެސް އެމީހެއްގެ އަމިއްލަ ބަހުން ވާހަކަ ދައްކާ ހަދާ މީހެކެވެ. ދުުނިޔެއަށް ލޯހުޅުވާލުމާ އެކު އެހާމެ ތަރުތީބުކަމާ އެކު ސިކުނޑީގައި އެމުނެމުން، ތަރައްގީވެ، ވިސްނައި ހަދައި އަދި ވާހަކަ ދައްކަން ދަސްކުރި ބަހަކީ އެމީހެއްގެ ހިތުގައި ވަރަށް ހާއްސަ ގަދަރެއް ދެވިގެންދާ ބަހެކެެވެ.

ބައިނަލަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި މިއަދު އަޅުގަނޑުމެން ފާހަގަ ކުރާ އިރު، ބަހާމެދު ކުރިން ދެކެމުން އައިގޮތް ބަދަލުވެ، ބަހުގެ މުހިންމު ކަމާމެދު ދުނިޔެ މިވަނީ ހޭލައްވައިލައިފި އެވެ. މީގެ 66 އަހަރު ކުރިން، 1952 ވަނަ އަހަރު ބަނގުލަދޭޝްގެ އެކްޓިވިސްޓުންތަކެއް ބަހަށް ކުރި ވަރުގަދަ "ޖިހާދާ"އެކު ބަހާ މެދު ކުރިން ދެކެމުން އައިގޮތް ބަދަލުވެ ބަހުގެ މުހިންމުކަން މިވަނީ އާހަރުފަތަކަށް ގެންގޮސްފަ އެވެ.

ބަނގުލަދޭޝް ބަސް އިރުމަތީ ޕާކިސްތާނުގެ ރަސްމީ ބަހެއްގެ ގޮތުގައި ހެދުމަށް އިހުތިޖާޖު ކުރަނީ--

ޔުނައިޓޭޑް ނޭޝަންސް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ނުވަތަ އދ.ގެ ތައުލީމާއި ސަގާފަތާ ބެހޭ ޖަމިއްޔާގެ ފަރާތުން މާދަރީ ބަހުގެ ދުވަސް އެންމެ ފުރަތަ އިއުލާން ކުރީ 17 ނޮވެމްބަރު 1999 ގަ އެވެ. އެއާ އެކު 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ކޮންމެ ބަޔަކު ވެސް އެބައެއްގެ މާދަރީ ބަސް ދިރުވައި އާލާ ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އާ އަޒުމްތަކެއް ކަނޑައަޅައި މަސައްކަތް ކުރުމަށް ހާއްސަ ކުރެވިފައިވާ ދުވަހުގެ ގޮތުގައި ދަނީ ފާހަގަ ކުރަމުންނެވެ.

މާދަރީބަހަށްޓަކައި ބަނގުލަދޭޝް ރައްޔިތުންވީ ގުރުބާނީ

މާދަރީ ބަހުގެ ދުވަސް ފާހަނގަކުރުން ފެށިގެން އައީ ބަނގުލަދޭޝްގެ އެކްޓިވިސްޓުންތަކެއް ބަހަށްޓަކައިވީ ލޭގެ ގުރުބާނީގެ ސަބަބުންނެވެ. ބަނގުލަދޭޝް މިނިވަން ގައުމެއްގެ ގޮތުގައި ވުޖޫދަށް އައުމުގައި ވެސް އެ ހާދިސާ ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.

ބަނގުލަދޭޝްގެ ދަރިވަރުން އެމީހުންގެ މާދަރީ ބަސް "ބެންގޯލީ"ގެ ދިފާއުގައި ނިކުތް އިރު އޭރު އެ ގައުމު އޮތީ "އިރުމަތީ ޕާކިސްތާނު"ގެ ގޮތުގަ އެވެ. ނަވާރަ ސަތޭކަ ފަންސާސް ދެވަނަ އަހަރު، ޕާކިސްތާނުގެ ސަރުކާރުން އެ ގައުމުގެ ރަސްމީ ބަހަކަށް ހަމައެކަނި "އުރުދޫ" ހެދުމަށް ނިންމުމުން، ބަނގުލަދޭޝްގެ ރައްޔިތުން ބޭނުންވީ އެމީހުންގެ މާދަރީ ބަސް "ބެންގޯލީ" ވެސް ރަސްމީ ބަހެއްގެ ގޮތުގައި ހިމެނުމަށެވެ.

ބެންގޯލީ ބަސް ރައްކާތެރިކުރުމަށް، ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމަންދަނިކޮށް، ޕާކިސްތާނުގެ ސިފައިން ބަޑިޖެހުމުގެ ސަބަބުން މަރުވި މީހުންގެ ހަދާނުގައި ބަހައްޓާފައިވާ ބިނާއެއް--

ބަންގާޅުގެ ދަރިވަރުންތަކެއް އެ ދުވަހު ވަނީ އެމީހުންގެ މާދަރީ ބަހަށް ޓަކައި ވަރުގަދަ ޖިހާދެއް ކޮށް، ގުރުބާން ވެފަ އެވެ. އެދުވަހު އެ ދަރިވަރުންތައް އަޑު އުފުލީ "ބަންގާޅު ބަހަކީ" އެމީހުންގެ ގައުމީ ބަސް ކަމަށާއި އެމީހުންގެ އަމިއްލަވަންތަކަމުގެ ރަމްޒަކީ އެއީ ކަމަށް ބުނަމުންނެވެ.

އުރުދޫ އަކީ ބަނގުލަދޭޝްގެ ވަރަށް މަދު ބަޔަކަށް އެނގޭ ބަަހަކަށްވެފައި، އާބާދީގެ ގޮތުން ވެސް ޕާކިސްތާނުގައި އެންމެ ބޮޑީ ބަންގާޅުން ކަމަށް ވުމަކީ ބަނގުލަދޭޝްގެ ރައްޔިތުން އެމީހުންގެ ބަހުގެ ހިމާޔަތުގައި ނިކުތް ސަބަބެވެ.

ނަވާރަސަތޭކަ ފަންސާސް ދެ ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ޔުނިވަސިޓީ އޮފް ޑާކާގެ ދަރިވަރުންނާއި ޑާކާ މެޑިކަލް ކޮލެޖުގެ ދަރިވަރުންނާއި ބައެއް އާންމުންގެ އިތުރުން، ބައެއް ސިޔާސީ ފަރާތްތައް ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލައި ވަރުގަދަ އިހުތިޖާޖުތަކެއް ކުރި އެވެ. އެދުވަހު ކުރި ސުލްހަވެރި އިހުތިޖާޖުތަކަށް ޕާކިސްތާނުގެ ސިފައިން ބަޑިޖެހުމުން ގިނަ ބައެއްގެ ލޭއޮހޮރިގެން ދިޔަ ހާދިސާއާ ގުޅިގެން ޕާކިސްތާނުން ފަހުން ވަނީ ބެންގޯލީ އެ ގައުުމުގެ ރަސްމީބަހެއްގެ ގޮތުގައި ހަމަަޖައްސައިފަ އެވެ.

ޕާކިސްތާނުގެ ކިބައިން ބަނގުލަދޭޝް މިނިވަންކަން ހޯދުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިްޔާތުގެ ތެރެއިން--

ނަމަވެސް އެ ހާދިސާއިން ޕާކިސްތާނަށް އަރައެއް ނުގަނެވުނެވެ. އެ ހާދިސާ ބަނގުލަދޭޝްގެ ގިނަބައެއްގެ ހިތްތަކުގައި ބިންވަޅު ކެނޑި، ޕާކިސްތާނުން ވަކިވެގަތުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދިޔަ އެވެ. ބަނގުލަދޭޝަށް ޕާކިސްތާނުގެ ކިބައިން މިނިވަންކަން ލިބުނީ 1971 ވަނަ އަހަރު އެވެ.

ފެބުރުވަރީ މަހުގެ 21 ވަނަ ދުވަސް ބަންގާޅުގައި ފާހަގަ ކުރަމުން އަންނަނީ ޝަހީދުންގެ ދުވަހުގެ ގޮތުގައި ނުވަތަ އެމީހުން ކިޔާ ގޮތުން ނަމަ "ޝޮހީދް ދިބޮޝް"ގެ ގޮތުގަ އެވެ. އަދި އެއީ އެ ގައުމުގައި ރަސްމީ ބަންދު ދުވަހެކެވެ.

އުސްމާނީ ދައުލަތް ނެތިދިޔުމާއި ބަސް

މާދަރީ ބަހަކީ ވަރަށް ގިނަބައެއްގެ ހިތުގައި ގަދަރަކާއި ފުން ލޯތްބެއް ދީފައިވާ އެއްޗަކެވެ. ސިޔާސީ ގޮތުންނާއި ގައުމެއްގެ އިސްތިގުލާލު ނެގެހެއްޓުމުގައި ބަސް ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ބަނގުލަދޭޝްގެ ހާދިސާ އިން ވަނީ އެނގިގެން ގޮސްފަ އެވެ.

އެންމެފަހުން އިސްލާމީ ވެރިކަންކުރި އުސްމާނީ ދައުލަތް ނެތި ދިއުމުގައި "ބަސް" އަދާކުރި މުހިންމު ދައުރަކީ އަދި ވެސް ގިނަ ބަޔަކަށް ނޭނގޭ ކަމެކެވެެ.

އުސްމާނީ ހިލާފަތުގެ ފަހު ދުވަސްވަރު އެ ހިލާފަަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިޔައީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ހިލާފަތުގެ ބާރު ވަރަށް ބޮޑަށް ކުޑަވެ، އަސްކަރީ ގޮތުން ހަނގުރާމަތަކުގައި ބަލިވާން ފެށުމުން އޭރު ދައުލަތުގެ ވެރިންނަށް ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

އުސްމާނީ ހިލާފަތަކީ އެކި ނަސްލުތަކާއި އެކި ދީންތަކުގެ އިތުރުން، އެކި ބަސްތަކުގެ މައްޗަށް އެކުލެވިގެންވާ ހިލާފަތެކެވެ. ދައުލަތް 'ރިފޯމް"ކޮށް އޭރު ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ "ޔޫރަޕް" އާ އެއްހަމައަކަށް ގެންދިޔުމުގެ ގޮތުން ސުލްތާން އަބްދުލް ހާމިދު ދޭއް ވަރަށް ބޮޑެތި ބަދަލުތައް ދިޔައީ ގެންނަމުންނެވެ.

ސުލްތާން ހާމިދު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މުޅި ހިލާފަތުގެ އެންމެން "ތުރުކީ" ބަހުން ވާހަކަ ދައްކަން މަޖުބޫރުކުރުވުމެވެ. އަ ބަދަލާ އެކު، ދައުލަތުގެ ހުރިހާ ސްކޫލުތަކެއްގައި ހަމައެކަނި ތުރުކީބަހުން ކިޔަވައިދޭން ފެށި އެވެ. ސްކޫލުތަކުގައި އަރަބި ބަހުން ވާހަކަ ދައްކައި ހެދި ކުދިންނަށް އަދަބު ދިނުން ވެސް އާންމުވެގެން ދިޔަ އެވެ. ދައުލަތުގެ ޕާލެމަންޓުގައި ވާހަކަ ދެއްކޭނީ ވެސް ހަމައެކަނި ތުރުކީ ބަހުންނެވެ.

އުސްމާނީ ދައުލަތާ ދެކޮޅަށް އަރަބިން ހަނގުރަމަ ކުރަނީ--

އުސްމާނީ ދައުލަތުގައި އަރަބިން ގިނަ އަދަަދަކަށް ހިއްސާކުރާއިރު އެމީހުން އަރަބި ބަސް ރަސްމީ ބަހެއްގެ ގޮތުގައި ހެދުމަށް އިހުތިޖާޖުކުރުން ވެގެން ދިޔައީ ސުލްތާންއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ސުލްތާން ދެކިވަޑައިގަތް ގޮތުގައި ތަފާތު އެކިއެކި ބަސްތަކުން ވާހަކަ ދެއްކުމުން ހިލާފަތު ބައިބައިވެގެން ހިނގައިދާނެ އެވެ. ހާއްސަކޮށް ސީރިއާ، އަދި ލުބްނާންގައި އަރަބި އެކްޓިވިސްޓުން ހިންގަމުން ދިޔަ އަދަބީ ހަރަކާތްތަކަކީ ދައުލަތް ހަލާކުކޮށްލުމުގެ ނިޔަތުގައި ކުރަމުން ދިޔަ ކަމެއްގެ ގޮތުގައި ސުލްތާން ދެކިވަޑައިގަތެވެ.

މިއީ އަރަބިން އުސްމާނީ ދައުލަތާ ދެކޮޅަށް އުތުރިއެރުމުގެ އެއް އަސްލެވެ. އިސްލާމް ދީން ބާވައިލައްވައިފައި ވަނީ އަރަބި ބަހުން ކަމަށްވެފައި، އަރަބި ބަސް އުވާލުމަށް މަސައްކަތްކުރުން އަރަބިންނަށް އެއްގޮތަކަށް ވެސް ބަލައެއްނުގަނެވުނެވެ. ބަނގުލަދޭޝްގެ ރައްޔިތުންނެކޭ އެއްގޮތަށް، އޭރު އަރަބިން ވެސް އިހުތިޖާޖު ކުރަމުން ދިޔައީ އަރަބިބަސް ދައުލަތުގެ ރަސްމީބަހެއްގެ ގޮތުގައި ހެދުމަށެވެ.

އަށާރަ ސަތޭކަ އަށްޑިހަ އެއްވަނަ އަހަރު، އަރަބި ބަހުން ނެރުނު ބަޔާނެއްގައި އަރަބިން އުސްމާނީ ދައުލަތާދެކޮޅަށް އުތުރިއަރައިގެންފައިވާވަރު ކިތަންމެ ރަނގަޅަކަށް ވެސް އެނގިގެންދެ އެވެ.

"އޭ މިބިމަށް އުފަންވި މީސްތަނުންނޭ! ތުރުކީ މީހުން އަޅުގަނޑެމެންނާ ދެކޮޅަށް ވެފައިވާ ނާ އިންސާފާއި އަނިޔާވެރިކަން އެނގޭނެ އެވެ! ބައިމަދު ބަޔަކު އަޅުގަނޑުމެންގެ މައްޗަށް ވެރިކަންކޮށް އަހަރުމެން އެވަނީ އަޅުންނަށް ހަދާފައިފަ އެވެ. ނުވިތާކަށް އަޅުގަނޑުމެންގެ މި މާތް ބަސް ނައްތާލުމަށް އެވަނީ ގާނޫނު ވެސް ފާސްކޮށްފަ އެވެ." އެެ ބަޔާނުގައިވެ އެވެ.

ތުރުކީ މިނިވަންވުމަށް ފަހު ވެސް ބަސްތައް ނައްތާލަން މަސައްކަތް ކުރި

އުސްމާނީ ދައުލަތް އުވުމަށް ފަހު، "ތުރުކީ" ވަކި ދައުލަތެއްގެ ގޮތުގައި އައުމަށް ފަހު ވެސް ތުރުކީގެ ސަރުކާރުން ގެންގުޅުނީ ހަމަ ކުރިން ގެންގުޅުނު އުސޫލެވެ. ނަމަވެސް ތުރުކީން ވަނީ ކުރިއަށް ވުރެ އަދި މާ ހަރުކަށި އުސޫލުތަކެއް ގެންގުޅެފަ އެވެ. އެގޮތުން އެ ގައުމުގެ އާބާދީގައި ހިމެނޭ ބައި މަދު ކުރުދީ ނަސްލުގެ މީހުން އެމީހުންގެ މާދަރީ ބަހުން ވާހަކަ ދެއްކުން މަނާ ކުރުން ވެގެން ދިޔައީ، ކުރުދީން ތުރުކީގެ ސަރުކާރާ ދެކޮޅަށް އުުތުރިއެރުމުގެ އަސްލެވެ.

ކުރުދީން އެމީހުންގެ މާދަރީ ބަހުން ވާހަކަދެއްކުމުގެ ހައްގު ހޯދުމުގެ ގޮތުން އިހުތިޖާޖް ކުރަނީ--

ދާދި ފަހަކާ ޖެހެންދެން ވެސް ތުރުކީގައި "ކުރުދީ" ބަސް އޮތީ މުޅިން މާނާކޮށްފަ އެވެ. އޭގެ ސަބަބުން ކުރުދީންގެ ގިނަ ބަޔަކަށް މިއަދު އެމީހުންގެ އަސްލު މާދަރީ ބަހުން ވާހަކަ ދައްކާކަށް ވެސް ނޭނގެ އެވެ.

ކުރުދީން ތުރުކީގައި ސަރުކާރާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން 40،000 އަށް ވުރެ ގިނަ ތުރުކީގެ ރައްޔިތުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ޕާލަމަންޓް ކުރީގެ ޕާލަމަންޓް މެމްބަރު ލޭލާ ޒާނާ ކުރުދީ ބަހުން ތުރުކީގެ ޕާލިމަންޓުގައި ވާހަކަ ދެއްކުމުން އޭނާ އަށް ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވި އެވެ. ޔޫރަޕްގެ ޕާލިމަންޓުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑް ހާސިލްކޮށްފައިވާ ޒާނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލަށް ވެސް ލައިފަ އެވެ.

ކުރުދީން ބަސް، މިހާރު މަނާ ނޫންނަމަވެސް، އަދި ވެސް ތުުރުކީގެ ސަރުކާރުން ވަނީ ޓީވީން ބްރޯޑްކާސްޓްކުރުމުގައި ކުރުދީ ބަސް "ލިމިޓް" ކޮށްފަ އެވެ.

ތުރުކީން މަސައްކަތް ކުރީ ހަމައެކަނީ ކުރުދީ ބަސް ނައްތާލުމަށް އެކަންޏެއް ނޫނެވެ. އެގައުމުގެ ބާނީ މުސްތަފާ ކަމާލް ނުވަތަ އަތާތުުރުކު ވަނީ އެގައުމުގެ މުސްލިމުން ނަމާދު ކުރާއިރު އަރަބި ބަސް ބޭނުންކުރުން ވެސް މަނާކޮށްފަ އެވެ. އޭރު ވެސް ސީރިއާގެ ހަތޭ ޕްރޮވިންސަކީ އަރަބިންގެ އަޣުލަބިއްޔަތު ލިބިފައިވާ ޕްރޮވިންސަކެވެ.

ތުރުކީން ފަހުން ވަނީ މުސްލިމުން އަޅުކަންކުރާ އިރު އަރަބި ބަސް ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.

މާދަރީ ބަހާއި ދިވެހިރާއްޖެ

އެހެން ގައުމުތަކާ އަޅާބަލާ އިރު، މާދަރީ ބަސް ދިވެހިންނަށް އެހާ މުހިންމު ނުވެދާނެ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް މާދަރީ ބަސް ފާހަގަ ކުރަމުންދާ އިރު ދިވެހި ބަހަށް ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

އެންމެ ކުޑައިރުން ފެށިގެން އިނގިޜޭސި މީޑިއަމަށް ކިޔަވައިދޭ ރާއްޖޭގައި ދިވެހިބަހަށް ވުރެ އިނގިޜޭސިބަހަށް އިސްކަންދޭތަން ދަނީ ފެންނަމުންނެވެ.

މާދަރީ ބަހުގެ ދުވަހާ ގުޅިގެން ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، އިނގިރޭސިބަހުގެ ނުފޫޒުން ދިވެހި ބަސް ސަލާމަތްކުރަން ޖެހިފައިވާ ކަމަށެވެ.

"މަމީ ޑެޑީ ކިޔުން އެބަ ޖެހޭ ދޫކޮށްލަން،" އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް ވަނީ، ބެލެނިވެރިން ގޭގައި އުޅޭ އިރު ސާފު ދިވެހި ބަހުން ވާހަކަ ދެއްކުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި އެހެނިހެން ބަސްބަސް ދަސްކުރުމުގައި ފަސޭހަ ވާނީ ދިވެހި ބަހުގެ ހަމަތަކުގައި ރަނގަޅަށް ހިފަހެއްޓުމުން ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

ބިދޭސީންނާއި ދިވެހިން މުއާމަލާތްކުރުމުގައި، ސާފު ސީދާ ދިވެހި ބަހުންވާހަކަ ދެއްކުމަށް ވެސް އަޝްރަފް ވިދާޅުވި އެވެ. ބިދޭސީންނާ ދިވެހިން ވާހަކަ ދައްކާއިރު، އަބަދު ވެސް ވޭވޭހުރިކަން ދޭހަވާގޮތަށް ވާހަކަދައްކާތީވެ އެކަމަށް އިޝާރާތް ކުރައްވައި އަޝްރަފް ވިދާޅުވީ، މިއީ ބަސް ހަލާކު ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް ދިވެހި ބަސް ފޯރުކޮށްދިނުމަށް ޓަކައި، މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.