21 Feb 2018, 11:02
ރާއްޖޭގައި މިމަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތަށް 30 ދުވަހަށް ދިގު ދައްމާލުމުން އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެެމެރިކާ ހާރިޖިއްޔާގެ ތަރުޖަމާން ހެތާ ނައުއާޓް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިމަހުގެ ކުރީކޮޅު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތަށް 30 ދުވަސް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ، މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.
އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގެންނެވި އެ ޖަލްސާގައި، ރައީސް ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ސަރުކާރަށް ތާއީދުކުރާ 38 މެމްބަރެެއްގެ ވޯޓުންނެވެ.
އެކަމާ ގުޅިގެން ހެތާ ނައުއާޓްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދިގު ދައްމާލަން ރައީސް ޔާމީން ނިންމެވުމުން އެކަމާ އެމެރިކާއިން ކަންބޮޑުވާ ކަމަށެވެ.
އަދި ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް، ރޫލް އޮފް ލޯ ނެގެހެއްޓުމަށް ވެސް ހެތާ ނައުއާތް ނެރުއްވި ބަޔާނުގައި ވަނީ ރައީސް ޔާމީނަށް ގޮވާލައްވައިފަ އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް، ރޫލް އޮފް ލޯ ނަގަހައްޓައި، ފުރިހަމަކަމާއެކު ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ފުރިހަމަ ގޮތުގައި ހިންގުމުގެ ފުރުސަތު ދިނުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހައްގުތައް އިޔާދަ ކޮށްދިނުމަށް ރައީސް ޔާމީނަށް، އެމެރިކާއިން ތަކުރާރުކޮށް ގޮވާލަން،" އެމެރިކާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާ ތަކަށް ރާއްޖޭން އިހުތިރާމް ކުރުމަށް ވެސް އެމެރިކާއިން ރާއްޖޭގެ ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދިގު ދައްމާލަން އިއްޔެ މަޖިލީހުން ފާސްކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެ ނިންމުމަކީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)އާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވަމުންނެވެ.
ގާނޫނުގެ އެ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބި ނަމަ އެވެ.
މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 85 މެމްބަރުންނެވެ. ދެބައިކުޅަ އެއްބައި ވޯޓު ނަގާ މަޖިލީހެއްގައި ހާޒިރުވެ ތިބެން ޖެހޭ ނަމަ 43 މެމްބަރުން ޖަލްސާއަށް ހާޒިރުވެ ތިބެން ޖެހޭނެ އެވެ.
ނަމަވެސް އިއްޔެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެފައިވަނީ، ރައްޔިތުން އޭގެ މައްޗަށް ލާޒިމްކުރާ ކަންކަން ބަޔާންކޮށް، މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކަމަށާއި އެހެންކަމުން ވޯޓަށް އައްސަވަނީ މަޖިލީހުގެ އާންމު އުސޫލުން ކަމަށެވެ.