ސޯމާލިއާގައި ހައިހޫނުކަމުގައި އުޅެމުންދާ އެތައް މިލިއަން މީހުންގެ ތެރޭގައި ހިމެނޭ އާސިއާ ދަގާނޭ ހުސެއިންގެ )ފޮޓޯގައި( އުރާލައިގެން އެހެރީ އޭނާގެ ހަތް މަހުގެ ތުއްތު ދަރިފުޅެވެ. ހައިހޫނުކަމުން ސަލާމަތްވުމަށް ކެންޔާގެ ރެފިއުޖީ ކޭމްޕަކާ ހިސާބަށް ދެމައިންނަށް ދެވުނުއިރު ދަރިފުޅު މަރު ނުވެ އޮތީ ހަމަ ކިރިޔާ އެވެ. ނަމަވެސް މިއީ ހަމައެކަނި އެއް ވާހަކަ އެވެ.

ހަނަފަސްކަން ބޮޑު "ހޯން އޮފް އެފްރިކާ" ސަރަހައްދުގައިވާ ގައުމުތައް ހައިހޫނުކަމުގެ ތެރެއަށް ގެނބިގެން އަންނައިރު، ސޯމާލިއާގެ ތިން މިލިއަނަށްވުރެ ގިނަ މީހުން ތިބީ ބަނޑަށް ޖެހިފަ އެވެ. އޭގެ ތެރެއިން 640،000 އަކީ މައުސޫމް ކުޑަކުދިންނެވެ. އެތައް ހާސް ބަޔަކު މިހާރުވެސް ހައިހޫނުކަމުގައި މަރުވެފައިވާއިރު މިހާރުން މިހާރަށް އެހީ ނުލިބިއްޖެނަމަ، އެ އަދަދު ދާނީ ހައްތަހާ އިތުރުވަމުންނެވެ.

މި ވަގުތަށް އެކަނި ވެސް ސޯމާލި އަށް 2.48 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވާއިރު، އެކަމުގައި ބައިވެރިވޭނެ މަގު ދިވެހިންނަށް ވެސް ފަސޭހަކޮށްދިނުމަށް 111 ޖަމިއްޔާ އެކުވެގެން އުފައްދާފައިވާ މަދަނީ އިއްތިހާދުން ވަނީ ސޯމާލިއާއަށް އެހީ ހޯދުމަށް ފަންޑެއް ގާއިމްކުރަން ރޭ ނިންމައިފަ އެވެ.

"ސޯމާލިއާގައި އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވަނީ. އެމީހުންނަށް އެހީވުމަށް އަޅުގަނޑުމެން ދިވެހިންނަށް ކޮށްދެވޭނެ ކަމެއްގެ ގޮތުގައި ފަންޑު ގާއިމްކުރަން މި ނިންމީ ހުރިހާ ޖަމިއްޔާތަކުން ބައްދަލުކޮށްފައި،" މަދަނީ އިއްތިހާދުގައި ހިމެނޭ ޓީޗާސް އެއޯސިއޭޝަންގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާ އާއި އިޒްރޭލުގެ ހަމަލައާ ގުޅިގެން ގާޒާގެ ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީވުމަށް މިދިޔަ އަހަރު ކާމިޔާބު ދެ ފަންޑް ރެއިސިން ކެމްޕޭނު ހިންގާފައިވާ މަދަނީ އިއްތިހާދުން ބުނި ގޮތުގައި ސޯމާލިއާ އަށް އެހީވުމަށް މާދަމާ މާލޭގެ އެކި ހިސާބުތަކުގައި ފަންޑު ފޮށިތައް ބެހެއްޓޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި އެ ހަރަކާތް ފުޅާ ކުރުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށް ވެސް ޖަމިއްޔާތަކުން ގަސްތު ކުރެ އެވެ.

"އަޅުގަނޑުމެން މާދަމާ ފަންޑު ފޮށިތައް ބެހެއްޓޭތޯ މަސައްކަތް މިކުރަނީ. އަދި ބޭންކް އޮފް މޯލްޑިވްސްއާ އިސްލާމިކް ބޭންކްގެ އިތުރުން އެހެން ފަރާތްތަކާވެސް މަޝްވަރާކުރާނަން. މި މަސައްކަތުގައި އަޅުގަނޑުމެން އެންމެ ފުރަތަމަ އަދާލަތު ޕާޓީއާ އެއްކޮށް މާދަމާ ބައްދަލުކުރާނަން." އަބްދުﷲ ވިދާޅުވި އެވެ.

ހައިހޫނުކަމުގައިވާ ސޯމާލިއާގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެދެވެން އޮތް މިންވަރަކުން އެހީވުމަކީ މަދަނީ އިއްތިހާދުގެ އެދުމެވެ. އަދި ހައިހޫނު ކަމުގައި މަރާ ހަނގުރާމަކުރަމުންދާ އެތައް މިލިއަން ބަޔެއްގެ އާދޭހެވެ.