ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިރޭ ނުވައެއް ޖަހާއިރަށް ތާވަލުކޮށްފިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ އެ ޖަލްސާގައި އޮންނާނީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއް ވަވައިދެއްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މިމަހުގެ ފަސްވަނަ ދުވަހަށް ތާވަލުކުުރުމަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކާ ޖަލްސާ ވަނީ ފަސްކޮށްފައެވެ.

މިރޭގެ ޖަލްސާއަށް މެމްބަރުންނަށް މިހާރު ވަނީ ދައުވަތު ފޮނުވާފައެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަންވަނެ ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފަށާއިރު މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 ގޮނޑިއާމެދު ސުޕްރީމު ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ބަޔަށް އަމަލުކުރަން ފަަސްކުރުމަށް އެ ކޯޓުން ވަނީ ނިންމައިފައެވެ. އެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް ސިފައިން އަންނަނީ ބުނަމުންނެވެ.