ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފް ހައްޔަރުކޮށްފި އެވެ.

މީގެ ކުރިން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒާލިފް ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ.

އެ އާއިލާގެ މެންބަރަކު ސަން އަށް ބުނީ އިއްޔެ މެންދުރު ފަހު 2:00 ގައި ޒާލިފް ފުލުހުންގެ އިދާރާއަށް ގެންދިޔަ ގޮތަށް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޒާލިފް މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައި ދޫނިދޫގައި ކަމަށް ވެސް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދަންމާލާފައިވާ އިރު ކުއްލި ނުރައްކަލުގެ ހާލަތުގައި މީހަކު ހައްޔަރު ކުރާއިރު ކޯޓު އަމުއްރެއް ބޭނުމެއް ނުވެ އެވެ. ޒާލިފު ހައްޔަރު ކުރީ ކޯޓު އަމުރަކާ ނުލައި ކަމަށް އެނގިފައިވެ އެވެ.

ޒާލިފް އަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމު އަހުމަދު ވެސް މިހާރު ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ.

އެ މައްސަލާގައި އިލްހާމު ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އިލްހާމު ވަޑައިގަތީ އަމިއްލަ އަށެވެ.