21 Feb 2018, 10:32
ބަހަކީ އިންސާނުން މުއާސަލާތުކުރާ އެންމެ ފުރިހަމަ ނިޒާމެވެ. އެންމެ ފަސޭހަ ވަސީލަތެވެ. އެއީ ހިތުގެ ޖަޒުބާތާއި ޝުއޫރާއި ހިޔާލުފާޅުކުރުމަށް ބޭނުންކުރާ އަޑުތަކާއި ކޯޑުތަކާއި ނިޝާންތަކާއި ހަރަކާތްތަކެވެ. ބަހާއި އިންސާނާގެ ދިރިއުޅުމާ ގުޅިލާމެހިފައި ވަނީ ވަކި ނުކުރެވޭ ދަރަޖައަށެވެ. އެކަތި އަނެކައްޗަށް ބޭނުން ޖެހިފައި ވަނީ ދިރިހުރުމަށް އިންސާނަކަށް ފެން ބޭނުންވާ ފަދައިންނެވެ.
ބަހުގެ ދާއިރާއިން ބަލާ ނަމަ ދިވެހިންނަކީ ފަހުރުވެރިވުން ހައްގު ބައެކެވެ. އާބާދީގައި ހަތަރު ލައްކައެއްހާ މީހުން އުޅޭ މިގައުމުގެ ރައްޔިތުންނަކީ އެއް ބަހަކުން ވާހަކަ ދައްކާ އަމިއްލަ ބަހެއްގެ ވެރި ބައެކެވެ. އިންސާނެއްގެ ދިރިއުޅުމަށް ނުވަތަ ދިރިހުރުމަށް ބަލާ ނަމަ އެއީ ބޮޑު ނަސީބެކެވެ.

ބަހުގެ ކުށްތައް ބުނެދިނުމަށް ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓްތައް--
ދވެހި ރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމު ގައުމަކަށްވާއިރު ގައުމުގެ އެއްބައިވަންތަ ކަމަކީ މިނިވަންކަމާ އެކު ގައުމު ތާއަބަދަށް ދެމި އޮތުގެ ތަޅުދަނޑި އެވެ. އެއްބައިވަންތަ ކަމާއި ބަސް ވަނީ ގުޅި ލާމެހިފަ އެވެ. ދިވެހިރާއްޖޭގެ މީހުން ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ. އެއީ ރިވެތި ދިވެހިބަހެވެ. ދިވެހިންގެ ކޮންމެ މީހަކު ވެސް ވާހަކަ ދައްކާނީ ދިވެހި ބަހުންނެވެ. ތަބާވާނީ އިސްލާމްދީނަށެވެ. މިއީ ދިވެއްސަކަށް ވުމަށް ކޮންމެހެން ފުރިހަމަވާން ޖެހޭ ދެ ރުކުނެވެ.
ސިޔާސީ އޮއިވަރުގައި ގައުމު ބައިބައިވެފައިވާ މިފަދަ ދަނޑިވަޅުގައި ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރާއިރު ބަހަކީ މުޖްތަމައުއެއްގެ މެދުގައި އޮތް ފިތުނަ ފަސާދަތައް ނެތިކޮށްލުމަށް އޮތް ފަރުވާއެކެވެ.
ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅު ވަނީ "ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައިގަނޑު އެއް އަސާސް ކަމުގައިވާ ދިވެހިބަސް، ދިވެހީންގެ އެއްބައިވަންތަކަމަށް ޓަކައި ރައްކާތެރިކޮށް ކުރިއަރުވައި ތަރައްޤީކުރަން ޖެހޭ ކަމަށެވެ". އޭނާ ވިދާޅުވީ ދިވެހިބަހަށް އެތެރެއިންނާއި ބޭރުން ކުރިމަތިވަމުން ދާ ދަތިތަކާއި ތުރާތަކުން ދިވެހިބަސް މިންޖުކޮށް ޙިމާޔަތްކޮށް ދަފަރާ ކުރާން ޖެހޭ ކަމަށެވެ.

ދަރިވަރުންތަކެއް ސަގާފީ ހެދުމުގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރާއްޖެ އުފެދިފައިވާ ގޮތުން ކޮންމެ ރަށެއް ވަކިން އޮތް ނަމަވެސް ކޮންމެ ދިވެއްސެއްގައި ވެސް ހިނގަމުންދަނީ ދިވެހި ލެ އެވެ. އެކަމަކީ ބަދަލު ނުކުރެވޭނެ ކަމެކެވެ. އެކި އަތޮޅުތަކުގައި ވާހަކަ ދައްކާ ބަހުރުވަ ތަފާތު ވިޔަސް އިއްތިފާގުވާ ބަހަކީ ދިވެހި ބަހެވެ. އެކަމުން ދޭހަކޮށްދެނީ ކޮންމެ ގޮތަކަށް ހިޔާލު ތަފާތުވީ ނަމަވެސް ދިވެހިން ވާނީ ދިވެހިންނަށް ކަމަށެވެ.
ދިވެހިންގެ ތެރޭގައި އޮތް އަހުވަންތަ ގުޅުން ދަމަހައްޓައި އިޖުތިމާޢީ ކޮންމެ ކަމެއްގައި މެ އެކަކު ވެސް ބާކީ ނުކޮށް އެންމެން ހިމެނޭނީ އެކަމެއްގައި އެ ބައެއްގެ މާދަރީބަހުން މުޢާމަލާތުކޮށްގެންނެވެ. ގައުމީ އެއްބައިވަންތަކަން ދިރުވާ ގައުމު އެކައްޗަކަށް ހެދުމަށް ދިވެހި ބަސް ކުޅޭ ރޯލު މުހިންމެވެ. ނުވަތަ އެކަން ހާސިލު ކުރުމަށް ބަހުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފަންޖެހެ އެވެ.
"ގައުމު އެއްބައިވަންތަ ކުރުމަކީ ކޮންމެ ދިވެއްސަކަށް ވެސް ވާޖިބު ކަމެއް. އެ ވާޖިބު އަދާކުރުމުގައި ދިވެހިބަހަށް ސަމާލުކަން ދޭން ޖެހެ އެވެ. އެހެނީ މުޖުތަމަޢު އެއްބައިވަންތަކުރުވައި އެކަތިގަނޑަކަށް ހަދައިދޭ މުހިންމު ވާސިޠާއަކީ ކޮންމެ މުޖުތަމަޢެއްގައި ވެސް އެ މުޖުތަމަޢެއްގެ ބަޔަކު ވާހަކަދައްކާ ބަސް،" ބަހާއި މުޖްތަމައުގެ ހަމަޖެހުމާއި ގުޅިލާމެހިފައިވާކަން ހާމޮށްދެއްވަމުން އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވީ ބަހުގެ އެހީގައި މުޖްތަމައު އެކަތިގަނޑަކަށް ހެދުމަށް ވަކިވަކި ފަރުދުންނާއި ސަރުކާރުގެ ވުޒާރާތަކުންނާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުންނާއި އޮފީސްތަކުންނާއި އިދާރާތަކުން އަދާކުރަން ޖެހޭ ރޯލު ބޮޑު ކަމަށެވެ.
އެ މުވައްސަސާތަކުން މިހާރަށް ވުރެ ބޮޑަށް އެކި މުއާމަލާތްތަކުގައި ބަހަށް އިސްކަން ދިނުމަކީ ހަސިލު ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ބަހަށް އިސްކަން ދިން މިންވަރަކަށް ކުރާ ކަންކަމުގައި ގައުމީ ޖޯޝް އިތުރުވާނެ އެވެ.
ބަސް އެންމެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް ދެން އެންމެ މުހިންމު ބަޔަކީ މަދަރުސާތަކުގެ ދަރިވަރުންނެވެ. އެ ކުދިންނަށް ގައުމީ އެކި ކަންކަމުގައި ދިވެހި ބަސް އަދާކުރާ ރޯލު ކިޔައިދޭން ޖެހެ އެވެ. އަޝްރަފް ވިދާޅުވީ ދިވެހި ބަސް ކިޔަވައި ދިނުމުގައި ދަރިވަރުންގެ ހިތުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން ބޮޑުވާނޭހެން ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

ދަރިވަރުންތަކެއް ސަގާފީ ހެދުމުގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ
"ކިޔަވައިދިނުމުގެ އިތުރަށް ދިވެހިވަންތަކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގައި ކުރާ މަސައްކަތްތަކުގައި ވެސް ދިވެހިބަހުން މުޢާމަލާތްކުރުމަށާއި ދަރިވަރުންނަށް މަދަރުސީ މާހައުލުގައި ދިވެހިބަހުން މުޢާމަލާތުކުރެވޭނޭ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ވެސް މުހިންމު."
ގައުމު އެއްބައިވަންތަކޮށްދޭ ހަތިޔާރަކީ ދީނާއި އަމިއްލަ ބަސްކަމަށް ތަޖުރިބާކާރުން ވިދާޅުވާ އިރު ދިވެހިންނަށް ލިބިފައި ވަނީ އެންމެ މާތް ދީނުގެ ހިދާޔަތެވެ. އިސްލާމީ އުސޫލުގައި ދިވެހިން ފައިތިލަ ސާބިތުކޮށްފައިވާ އިރު މިހާރު ވެސް ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަ ކަމުގެ އަސްލަކީ އެއީ އެވެ. ނަމަވެސް އެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަކޮށް އެއްބައެއްގެ ގޮތުގައި ގައުމުގެ ހައްގުގައި މަސައްކަތް ކުރުމަށް ބަހަކީ މުހިންމު ދައުރެއް އަދާކުރެވޭނެ އެއްޗެއްކަން ގަބޫލު ކުރަން ޖެހެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 21 ވަނަ ދުވަސް ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ފާހަގަކުރާ އިރު އަމިއްލަ ބަހަކުން މުހާތަބު ކުރުމުގެ ނިއުމަތް މާތް ﷲ ދެއްވީ މަދު ބަޔަކަށެވެ. އެ ނިއުމަތަކީ ކަންކަން ހަމަ މަގަށް އަޅުވަން އޮންނަ ހަތިޔާރަކަށް ވާން ޖެހެ އެވެ. ފަހަރުގައި ވެސް އެ ނިއުމަތަކީ ބަލި ފަޔަކަށް ވެގެން ނުވާނެ އެވެ.