މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ރަޝީދުގެ ސައިކަލް މަޑިދަށުގައި މަސްތުވާތަކެތި ފޮރުވުމުގެ ތުހުމަތުގައި ފުލުހުން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވަރަށް މުއުތަބަރުކޮށް ސަން އަށް އެނގިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހަތަރު މީހެކެވެ. އެމީހުން ހައްޔަރުކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ަނަމަވެސް، ތަކުރާރުކޮށް ސުވާލު ދެންނެވުމުން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިކަމުގައި ކޮމެންޓެއް ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ ތަހުގީގު ކުރިއަށްދާކަން ވެސް ކަށަވަރުކޮށެއް ނުދެއްވި އެވެ.

"ބުނޭ ފުލުހުން ތިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެޔޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވި އެވެ.

ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި މިކަން ދަނީ ބަލަމުންނެވެ.

ސައިކަލް މަޑިދަށުގައި މަސްތުވާތަކެތި ފޮރުވިކަމުގެ ތުހުމަތުގައި ފުލުހުން ބަޔަކު ހައްޔަރު ކުރި މައްސަލައާ ގުޅޭ ގޮތުން ސަމާހު ވެސް އެއްޗެއް ވިދާޅެއް ނުވި އެވެ. އަދި "ވަރަށް ބިޒީ" ކަމަށް ވިދާޅުވެ، އޭނާ ވަނީ ފޯނު ކަނޑުއްވާލައްވައިފަ އެވެ.

ސަމާހު ދުއްވި ސައިކަލްގެ މަޑިދަށުން މަސްތުވާތަކެތި ފެނުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން މީހަކު ބުނީ ޑެޕިއުޓީ މޭޔަރުގެ ސައިކަލް ފުލުހުން ޗެކްކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން އޭނާ ނުކުމެވަޑައިގެން ސައިކަލަށް އަރާވަޑައިގެން ސްޓާޓްކުރެއްވިތަނުން ކަމަށެވެ. އަދި އޭނާ އިންނެވި ސައިކަލް ފުލުހުން ޗެކްކުރުމުގެ ތެރޭގައި ސައިކަލްގެ މަޑިދަށުން ހަޝިޝް އޮއިލް ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި އޮތް ތިން ޕެކެޓް ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ސަން އަށް އޭރު މައުލޫމާތުދެއްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށާއި ކޮންމެ މީހެއްގެ ސައިކަލަކުން ވެސް އެއްޗެއް ފެނިދާނެ ކަމަށެވެ.

"އަޅުގަނޑު މިހިރީ ހައްޔަރެއް ނުކުރޭ، ދެން އެއްޗެއް ފެނިދާނެ ދެއްތޯ ކޮންމެ މީހެއްގެ ސައިކަލެއްގެ ތެރެއިން ވެސް." ސަމާހު ވިދާޅުވެފައިވެ އެވެ.