20 Feb 2018, 18:41
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރުމަށް 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހާޒިރުވެ ތިބެން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށް ދައުރުން ބޭރުން މިއަދު މަޖިލީހުގައި ބޭއްވި ހާއްސަ ޖަލްސާ ފަށަމުން މަސީހު ވިދާޅުވީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)ގައި ބުނާ މާއްދާ ކުއްލި ނުރައްކަލުގެ ގަރާރަށް ނުފެތޭ ކަމަށެވެ.
މަސީހު އެހެން ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާއާ ހަވާލާދީއެވެ.
މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާ
ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމު ކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮޮށްފައިވާ ހިނދު ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ މި ގަވާއިދުގެ މަގުސަދަށްޓަކައި ބުނެފައި އެވަނީ އަންނަނިވި ކަންކަމެވެ.
ރައްޔިތުން ވަކިގޮތަކަށް ތަބާވުން ލާޒިމުކުރާ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުން ވަކިގޮތަކަށް އަމަލު ކުރުން ނުވަތަ ނުކުރުން ލާޒިމު ކުރާ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުންގެ އަތުން ފައިސާ ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް
- ވަކިކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުން އުފުލަންޖެހޭ ޝަހުސީ ޒިންމާއެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް
މަސީހު ވިދާޅުވީ އެ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ވާހަކަ ހިމަނާފައި ނެތް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން މަޖިލީހަށް ހާޒިރުވެފައި ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަދި އެ ޖަލްސާގައި ހާޒިރުވެ ތިބެންޖެހޭ މެމްބަރުންގެ އަދަދެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ އަދަދު ހަމަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވީ މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް ޖުމްލަ 39 މެމްބަރުންނެވެ.