ޓްރިޕޮލީ (އޮގަސްޓް 21) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ޓްރިޕޮލީއަށް ވަންތާ އެއް ދުވަހުގެ ތެރޭގައި ޓްރިޕޮލީގެ އެކިކަންކޮޅު ތަކުގައި ފެތުރި ޓްރިޕޮލީގެ ގިނަ އަވަށްތަކެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފި އެވެ.

ޓްރިޕޮލީގައި ތިއްބަވާ ބޭރުގެ މުރާސިލުންނާ ޙަވާލާދީ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނިގޮތުގައި އިދިކޮޅު ހަނގުރާމަވެރިން މިހާރުވަނީ ޓްރިޕޮލީގެ ބޮޑެތި އަވަށްތައް ކަމަށްވާ ބިންޢާޝޫރު، ފަޝްލޫމް، ޒާވިޔަތުއްދަހްމާނީ، ތާޖޫރާ، ސޫޤުލްޖުމްޢާ، ޢަރާދާ އަދި އައްސަބްޢާ، އެމީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ.

އަދި ހަނގުރާމަވެރިން މިއަދު ހަވީރުގެ ވަގުތެއްގައި ޓްރިޕޮލީގެ ޖަލެއް ކަމަށްވާ އަލްޖަދީދާ ޖަލު ހިފައި އެތާނގައި ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިންގެ އެތަށް ހާސް ބަޔަކު މިނިވަން ކޮށްފައިވާ ކަމަށް އިދިކޮޅު އިންތިޤާލީ މަޖިލީހުން ބުނެއެވެ. ހަނގުރާމަވެރިންގެ ކޮމާންޑަރުން ބުނާގޮތުން ރެއާއި މިއަދު ޓްރިޕޮލީގައި ބަދަލުކުރެވުނު ޙަމަލާތަކުގައި ގައްޒާފީގެ ބާރުތަކުގެ 30 މީހަކު މަރާލައި 100 މީހަކުވަނީ އަސީރު ކުރެވިފައެވެ.

އަސީރު ކުރެވުނު މީހުންގެ ތެރޭގައި ލީބިޔާ ގެ ވައިގެ ސިފައިންގެ ޢަސްކަރީ ޕައިލެޓުންނާއި އެއްގަމު ސިފައިންގެ އޮފްސަރުންވެސް ހިމެނޭ ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރުންނާ ޙަވާލާދީ އަލްޖަޒީރާ ބުނެއެވެ. ގައްޒާފީގެ ކިބައިން ޓްރިޕޮލީ މިނިވަން ކުރުމުގެ އޮޕަރޭޝަން ރަސްމީ ސިފައެއްގައި ފެށިކަން ހަނގުރާމަވެރިން އިޢްލާންކުރީ ރޭ މެންދަމުގައެވެ. މިއޮޕަރޭޝަނަށް ދީފައިވަނީ "މާމެއިޑް މިނިވަންކުރުމުގެ ފަތިސް" އެވެ.

ހަނގުރާމަވެރިން ބުނަނީ ޓްރިޕޮލީގައި ގައްޒާފީ އުޅުއްވާހެން ހީނުވާ ކަމަށާއި ފަހަރުގައި އޭނާގެ ކޮންޓްރޯލްގެ ދަށުގައި މިހާތަނަށްއޮތް އެންމެ ބޮޑުރައް ކަމަށްވާ ޓްރިޕޮލީގެ އިރުމަތިން 600 ކިލޯމީޓަރުގެ ދުރުގައިވާ ސިރްތަށް ގައްޒާފީ ވަޑައިގެންފައިވާ ކަމަށް ލަފާކުރެވޭ ކަމުގައެވެ.

ހަނގުރާމަވެރިން ޓްރިޕޮލީއަށް ވަނުމުން، އެރަށުގެ ބައެއް އަވަށްތަކުގައި ރުކުރުވާލާފައިވާ ގައްޒާފީގެ ބާރުތައް ފިލާފައިވާ ކަމަށާ ބައެއް އަވަށްތައް މިނިވަންކުރެވުނީ ހަނގުރާމައަކާނުލާ ކަމަށްވެސް ހަނގުރާމަވެރިންގެ ކޮމާންޑަރުން ބުނެއެވެ. ހަނގުރާމަވެރިން ޓްރިޕޮލީއަށް ވަނުމާއެކު ނޭޓޯއިން ޓްރިޕޮލީއަށް ދޭ ނޭޓޯގެ ވައިގެ ޙަމަލާތައްވެސް ކުރިޔަށްވުރެ ވަރުގަދަ ވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ލީބިޔާގެ ރަސްމީ ޓީވީން ރޭގައި ގައްޒާފީގެ އޯޑިޔޯ ޚިތާބެއް ދުރަށް ފޮނުވާފައިވެއެވެ. މިޚިތާބުގައި ގައްޒާފީ، އިދިކޮޅު ހަނގުރާމަވެރިން ސިފަކުރައްވާފައިވަނީ ޚާއިނުންގެ ގޮތުގައެވެ. ޚާއިނުންނާ ދެކޮޅަށް ތެދުވުމަށް ގައްޒާފީ ލީބިޔާގެ ރައްޔިތުންނަށް ގޮވާލެއްވިއެވެ. ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންނަށް ލިބިފައވަނީ ވަގުތީ ކާމިޔާބެއް ކަމަށާ ލަސްތަކެއްނުވެ އެމީހުން ޓްރިޕޮލީން ބޭރުކުރާނެ ކަމުގައެވެ. އަދި ގައްޒާފީގެ ބާރުތައް އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ނަސްރު ހޯދާނެ ކަމަށްވެސް ސައިފުލްއިސްލާމް ވިދާޅުވިއެވެ.

ގައްޒާފީގެ ސަރުކާރުގެ ތަރްޖަމާން ޑޮކްޓަރ މޫސާ އިބްރާހީމް މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ޓްރިޕޮލީވަނީ ގައްޒާފީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާ ޓްރިޕޮލީގެ އެއްވެސް ތަނެއްގައި ހަނގުރާމަ ހިނގަމުން ނުދާކަމުގައެވެ. ނަމަވެސް ޓްރިޕޮލީގެ ބައެއް ހިސާބުތަކުގައި އިދިކޮޅު ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދާ ކަމަށް އޭނާ އެއްބަސްވެ ވަޑައިގެންނެވިއެވެ. ލީބިޔާގެ ދާޚިލީ މައްސަލަ ހައްލު ކުރުމަށްޓަކައި އިދިކޮޅު ހަނގުރާމަވެރިންނާ ވާހަކަދައްކަން ގައްޒާފީގެ ސަރުކާރުން ތައްޔާރަށް އޮތްކަމަށްވެސް މުސާ އިބްރާހީމް ވިދާޅުވިއެވެ.

ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުން ލަފާކުރާ ގޮތުގައި ކުރިޔަށްއޮތް ހައެއްކަ ދުވަހުގެތެރޭގައި މުޅި ޓްރިޕޮލީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށަށް ގެނެވި ގައްޒާފީގެ ވެރިކަން ވެއްޓޭނެއެވެ. -- އަލްޖަޒީރާ