މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް އިތުރު ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ގަރާރަށް ވޯޓަށް އެހުމަށް މިއަދު ޚާއްސަ ޖަލްސާއެއް ބާއްވަނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެއާއެކު ރާއްޖޭގެ ސިޔާސީ ކަންކަން ކުރިއެކޭ ވެސް އެއްގޮތަށް ހިނގަން ފަށާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު ޝަރުއީ ނިޒާމު ފަދަ މިނިވަން މުއައްސަސާތަކުން ދެފުށް ފެންނަ ގޮތަށް މިނިވަން ކަމާއެކު ގާނޫނާ ހިލާފުނުވާ ގޮތަށް މަސައްކަތް ކުރެވެން ވާނެ. މިއާއެކު މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރު އެއްވެސް ހުރަކާއި ނުލައި ތަންފީޒު ކުރެވެން ވާނެ،" އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވީ އެންމެ އަވަހަކަށް ރާއްޖޭ ދިމިގްރާތީ ވެރިކަމަކަށް އައުން މުހިންމު ކަމަށާއި މީގެ ސަބަބުން ގައުމުގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖްތަމައުގައި ރައްޖެއާ މެދު އުފެދުފައިވާ ނުތަނަވަސްކަން ފިލާދާނެ ކަމަށެވެ.

ރާއްޖެގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި އުމުރު ނެރެފައެވެ. ނަމަވެސް ފަހުން ވަނީ ސިޔާސީ ލީޑަރުން މިނިވަން ކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ އަމުރަކުން ބާތިލްކޮށްފައެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި އަމުރަށް އަމަލުކުރުން ފަސް ކުރުމަށް ވެސް ތިން ފަނޑިޔާރުން ސޮއިކޮށް ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.