20 Feb 2018, 13:01
ގާނޫނޫ ނަގަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން އީޔޫ އަށް ދީފި އެވެ.
ރާއްޖެއަށް އީޔޫ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުން ލައި މާގިއު އާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ އިއްޔެ ބައްދަލުކުރައްވައި، ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާސިމް ވިދާޅުވީ އީޔޫ އަކީ އަބަދު ވެސް ރާއްޖެއަށް އެއްބާރުލުން ދޭ ޖަމާއަތެއް ކަމަށެވެ. އެކަމަށް ޓަކައި ސަރުކާރުގެ ފަރާތުން އީޔޫގެ ސަފީރަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވި އެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އީޔޫ އިން ދޭ ލަފާ އަދި އެހީތެރިކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާސިމް ވިދާޅުވީ ގާނޫނު ދެމެހެއްޓުމަކީ ދިވެހި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
ރާއްޖެ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އީޔޫ އިން ވަނީ ކުއްލި ހާލަތު އުވާލަން ގޮވާލައިފަ އެވެ. ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް، ފުލުހުންނާއި ސިފައިން އާންމުންނަށް ވީހާ ވެސް ގެއްލުން ކުޑަކުޑަވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް އީޔޫ އިން ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގެ ސިޔާސީ ހާލަތު ބަލާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ ވަފުދެއް ވެސް ވަނީ މިމަހުގެ ކުރީކޮޅު ރާއްޖެ އައިސްފަ އެވެ.