މިމަހުގެ 16 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ބޭއްވި ވޯލްޑް ހިއުމަން ރިސޯސް ޑައިރެކްޓާރސް (އެޗްއާރުޑީ) ކޮންގްރެސް 2018 ގައި، އުރީދޫ މޯލްޑިވްސްއަށް ތިން އެވޯޑު ލިބިއްޖެއެވެ.

މިއީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސް އެވެ. މި ކޮންގްރެސްގައި މިއަހަރު ޖުމްލަ 2،000 އަށް ވުރެ ގިނަ ހިއުމަން ރިސޯސެސް އޮފިޝަލުން ބައިވެރިވިއެވެ.

އެޗްއާރްޑީ ކޮންގްރެސްގައި އުރީދޫ މޯލްޑިވްސްއަށް ވަނީ ގްލޯބަލް އެޗްއާރް އެކްސެލެންސް އެވާރޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތު ބިޒްނަސް އެވޯޑާއި، ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތުރޫ އިނޮވޭޝަން އެވޯޑުގެ އިތުރުން ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓް އެވޯޑު ލިބިފައެވެ.

މި އެވޯޑްތަކާއި ހަވާލުވެވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް، މުޙައްމަދު ޝާހިދު އާއި ސީނިއަރ މެނޭޖަރ އޯގަނައިޒޭޝަން ޑެވެލޮޕްމަންޓް، ފަޒްނާ މަންސޫރެވެ.

އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން، މުހައްމަދު ޝާހިދު ވިދާޅުވީ އުރީދޫއަކީ މުވައްޒަފުންގެ ކުރިއެރުމަށް ނުހަނު އަހަމިއްޔަތުކަމެއް ދޭ ކުންފުންޏެއް ކަމަށާއި ހިއުމަން ރިސޯސަސްގެ ދާއިރާއިން އުރީދޫގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އުރީދޫގެ އަމާޒަކީ ކޮންމެ ބޭފުޅެއްގެ ދިރިއުޅުމަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން، މި އަމާޒުގެ ތެރޭގައި އުރީދޫގެ މުވައްޒަފުން ހިމެނުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. ފަހި މުސްތަގުބަލަކާއި ހަމައަށް އުރީދޫ ގެންގޮސްދިނުމަށްޓަކައި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ، ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އުރީދޫއިން ގިނަގުނަ މަސައްކަތްތަކެއް ކުރަން،" މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގައި 400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

އުރީދޫއިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށް އުރީދޫއިން ބުނެއެވެ.

ނިމިގެންދިޔަ 2017 ވަނަ އަހަރު އުރީދޫއިން ވަނީ، ބައިނަލްއަގުވާމީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން އަހަރުގެ އެންމެ އީޖާދީ ކުންފުނި އަދި އަހަރުގެ އެންމެ މޮޅު އާ ޚިދުމަތް (ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާ)ގެ ގިންތިން ދެ "ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑު" ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން، އުރީދޫ ސްމާޓް ކެމްޕަސް ޙިދުމަތް ވަނީ، އެންޓަޕްރައިސް ސާވިސް އިނޮވޭޝަންގެ ދާއިރާއިން، ގްލޯބަލް ޓެލެކޮމް ބިޒްނަސް އެވޯޑެއް ލިބިފައެވެ.

މުއާސަލާތީ ދާއިރާގައި އެންމެ ބަލައިގަނެވިފައިވާ އެވޯޑު ކަމުގައިވާ ގްލޯމޯ އެވޯޑަކަށް އުރީދޫގެ މޯބައިލް މަނީ "އެމް-ފައިސާ" ވަނީ ޝޯޓްލިސްޓް ކުރެވިފައިއެވެ. ގްލޯމޯ އެވޯޑު ކާމިޔާބު ކުރާ ފަރާތްތަށް އިއުލާނު ކުރާނީ، މި ފެބްރުއަރީ މަހުގެ ފަހުކޮށް ސްޕެއިންގައި ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ.