ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަށް ސަރުކާރުގެ ތެރެއިން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާތީ، ސަރުކާރާއެކު ތަސްމީން"ޑީލް"ހައްދަވާ ވާހަކަ އަކީ ހަގީގަތެއްކަން އެނގޭވަރަށް ރައްޔިތުންނަށް މަންޒަރު ސާފުވެގެން ހިނގައްޖެ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިގުތިސާދީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައީސް ނަޝީދާއި ތަސްމީން ރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުން ކުށްވެރިކުރައްވައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ސަރުކާރުގެ އިގުތިސާދީ އެޖެންޑާ ހިންގުމަކީ ޑީއާރްޕީން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އަދި ތަސްމީން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ޕާޓީގެ ކައުންސިލާއި ޕާލިމެންޓްރީ ގްރޫޕާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ވެސް، ޒެޑް ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އިލްހާމް ވިދާޅުވި އެވެ. އަދި އެއީ ތަސްމީނުގެ "ހުދުމުހްތާރު"ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ރައީސް ނަޝީދާ އެކު ބޭއްވި ބައްދަލުވުމުގެ ސަބަބުން، ސަރުކާރާ އެކު ތަސްމީން"ޑީލް" ހައްދަވާ ވާހަކަ އަކީ ހަގީގަތެއްކަން އެނގޭވަރަށް މަންޒަރު ސާފުވެގެން ގޮސްފައިވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

"ތަސްމީން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާގެ ލޯނު ހުރުމާ ތަފާތު ކަންކަމުގައި ތަސްމީނަށް ވަނީ ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވެފައި ސަރުކާރުގެ ތެރެއިން. އެހެންވީމަ، ހަމަ ތަސްމީނަށް ހުރި ފިއްތުންތަކާ އެކު، ސަރުކާރަށް ދޫދީ، ސަރުކާރާ އެކު ޑީލް ހަދާ މަންޒަރު މިފެންނެނީ. އަޅުގަނޑުމެން އަބަދު ދެއްކި ވާހަކަ މިހާރު މިވަނީ ކްލިއާކޮށް ]ސާފުކޮށް[ ރައްޔިތުންނަށް ފެންނަ ފަށަށް އައިސްފައި." އިލްހާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޑީއާރްޕީއާ އެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީން އެ ބައްދަލުކުރެއްވުން ކުށްވެރިކުރުމަކީ ޒެޑް ފެކްޝަނުން ވަރަށް އުފާވާ ކަމެއް ކަން ވެސް އިލްހާމް ފާހަގަކުރެއްވި އެވެ.