21 Aug 2011, 20:45
މާލެ އަތޮޅު އެނބޫދޫފަޅު ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑް މޯލްޑިވްސް އިން ނޭޝަނަލް ޕްލޭނިން ކައުންސިލަށް ހުށަހަޅައިފި އެވެ.
މާލެއާ ދިހަ ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫފަޅު ތަރައްގީކުރަން ރީކޯ މޫސަ ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ޕްލޭނިން ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިި އެވެ.
ނަމަވެސް، އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ރީކޯ މޫސަ ހުށަހަޅުއްވާފައިވާ ގޮތުގެ ތަފްސީލު ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.
ޕްލޭނިން ކައުންސިލަށް ހުށަހަޅާފައިވާ ޕްރޮޖެކްޓުތަކުގައި ތާވަލުގައިވާ ގޮތުގައި، އެނބޫދޫފަޅު ތަރައްގީކުރަން އަދި ހެވީ ލޯޑާ ހަވާލުކޮށްފައެއް ނުވެ އެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ހުއްދަ ދެވޭނީ ކައުންސިލުން ވެސް ހުށަހަޅާ ޝަރުތުތަކަކާ ލައިގެން ކަމަށް އެތާވަލުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ތަރައްގީގެ ކޮންމެ މަޝްރޫއުއެއް ހިންގުމަށް ވެސް ޕްލޭނިން ކައުންސިލަށް ހުށަހެޅޭނެ އެވެ. ކޮންމެ މަޝްރޫއު އެއްވެސް ކުރިއަށްގެންދެވޭނީ ޕްލޭނިން ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.
މޫސަގެ ފޯނު ނިއްވާލައިފައި އޮތުމުން މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެނބޫދޫފަޅު ތަރައްގީކުރަން ރީކޯ މޫސަ ހުށަހަޅުއްވާފައިވާކަން އެނގިފައި މިވަނީ، ތިލަފުށި ފަޅު ހިއްކުމުގެ މަޝްރޫއު ރީކޯ މޫސަ ހިއްސާވާ ހެވީ ލޯޑާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލަން އަންގާފައިވަނިކޮށެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު، ހެވީ ލޯޑުން ދަނީ އަދިވެސް އެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ.