14:30


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ނޯޓިސް އާއި އަމުރު ފޮނުއްވުމުން ވެސް ދެ ދުވަހު މަތިން ވެސް ކޮމިޓީ އަށް ހާޒިރުވަޑައިގެންފައިވާ ބޭފުޅުންނަށް މާދަމާ އަމުރު ނެރުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.


މި ވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މިރޭ އެމަނިކުފާނު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ކަމަކަށް ކުރައްވާނީ ބުރާސްފަތި ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް، ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ އެޑިޝަނަލް ސެކެޓްރީ އައިޝަތު ލިއުޝާ ޒާހިރާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް ހާޒިރުވެވަޑައިގަތުމަށް އަމުރު ނެރުއްވުން ކަމަށެވެ.


މިހާތަނަށް ދެ ފަހަރު ދަންނަވައިގެން ވެސް އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައި ނުވަނީ އެ ބޭފުޅުންނަށް ނޯޓިސް ފޮނުވައިފައިވާ ގޮތުގެ ސައްހަކަމާ މެދު ގާނޫނީ ގޮތުން މައްސަލަތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވައިފައިވާތީ ކަމަށް ވިދާޅުވި ނާޒިމް އެވެ.