ސަންޖޭ ލީލާ ބަންސާލީގެ އެންމެ ފަހުގެ ފިލްމު 'ޕަދްމާވަތު' އަށް ބޮކްސް އޮފީހުގައި 525 ކުރޯޑް ރުޕީސް ލިބިއްޖެ އެވެ.

ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް މުހިންމު ރޯލުތަކުން ފެނިގެންދާ 'ޕަދްމާވަތު' އަށް 500 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުން ފިލްމަށް ލިބުނު އާމްދަނީ އެއްކޮށްލުމުންނެވެ.

އެއާ އެކު 'ޕަދްމާވަތު' ވެގެން ގޮސްފައި މިވަނީ ބަންސާލީގެ އެންމެ ކާމިޔާބު ފިލްމަށެވެ. ބޮކްސް އޮފީސް އާމްދަނީއަށް ބަލާއިރު، 'ޕަދްމާވަތު' މިވަނީ ބަންސާލީގެ ހިޓް ފިލްމުތައް ކަމުގައިވާ 'ބާޖީރާއޯ މަސްތާނީ' އަދި 'ރާމް ލީލާ' ވެސް ފަހަތަށް ޖައްސާލައިފަ އެވެ.

ފިލްމަށް އެވަރުގެ ކާމިޔާބެއް ލިބުނު އިރު، ފިލްމާ ދެކޮޅަށް ކަރްނީ ސޭނާ އިން ކުރި މުޒާހަރާތަކުގެ ސަބަބުން ފިލްމަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަސަރެއްކޮށްފަ އެވެ. ކަރްނީ ސޭނާގެ އިންޒާރުތަކާ އެކު އިންޑިއާގެ ބައެއް ސްޓޭޓް ތަކުގައި ފިލްމު ރިލީޒް ކޮށްފައެއް ނުވެ އެވެ.

އަމާންކަމާ އެކު އިންޑިއާގެ ހުރިހާ ހިސާބެއްގައި ފިލްމު ރިލީޒް ކުރެވުނު ނަމަ، ފިލްމަށް މިއަށް ވުރެ މާބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފަ އެވެ.

ބަންސާލީ ވަނީ ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރިކަމަށް ބުނެފަ އެވެ.

އަދި ވެސް ސިނަމާތަކުގައި ފިލްމު ދައްކަމުން އަންނަ އިރު، ފިލްމަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ.