މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރު ފަޒީލް ނަޖީބް އެމަގާމުން ވަކިކުރުމުގެ މައްސަލަ އަނބުރާ ގެނައުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުން ނެރެފައިވާ މާދަމާގެ އެޖެންޑާގައިވާ ގޮތުގައި، ފަޒީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހަޅުއްވާފައި ސިޓީ މާދަމާގެ ޖަލްސާގައި އިއްވާނެ އެވެ.

ފަޒީލް ނަޖީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ސަރުކާރުން ނިންމާފައި ވަނީ، އެ މައްސަލަ ބެލުމަށް ނެގި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު ފަޒީލުގެ މައްސަލައެއް ނެތް ކަމަށް ބުނެފައިވަނިކޮށެވެ. އަދި ސަރުކާރުން އޭނާއާ މެދު ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތެއް ނެތް ކަމަށް އެ ކޮމިޓީން ބުނެފައިވެ އެވެ.

މައްސަލަ ދިރާސާކުރި ސަބް ކޮމިޓީގައި ހިމެނެނީ އެމްޑީޕީ ދެ މެމްބަރަކާއި ޑީއާރުޕީ މެމްބަރެއްގެ އިތުރުން ގައުމީ ޕާޓީގެ ހަމައެކަނި މެމްބަރު ވިލުފުށި ދާއިރާގެ ރިޔާޒް ރަޝީދެވެ.

މީގެ ކުރިން މަޖިލީހުން ނިންމާފައި ވަނީ، ކޮމިޓީ މަރުހަލާގައިވާ މައްސަލައެއް އެގޮތަށް އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން، މާދަމާގެ ޖަލްސާގައި ފަޒީލްގެ އިތުބާރުގެ މައްސަލަ ރައީސަށް އަނބުރާ ގެންދެވޭނެތޯ ނުވަތަ ނޫންތޯ މަޖިލީހުން ކަނޑައަޅާނެ ކަމަށް ބެލެވެ އެވެ.

ފަޒީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް އިގުތިސާދީ އަދި މާލީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި"ފަޒީލް ނަޖީބުގެ ތަޖުރިބާ އާއި މަސައްކަތްތައް ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ" ކަމަށެވެ.