ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްސަ ޖަލްސާއެއް މަދަމާ ވެސް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މާދަމާ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިންމަވާފައިވާ ކަމަށެވެ.

އެ ޖަލްސާގެ އެޖެންޑާ ފަހުން އިއުލާންކުރާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

މަދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، މިއަދުވެސް މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ވަނީ ބާއްވާފައެވެ. މިއަދުގެ ޖަލްސާގައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމުގެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވައިފައެވެ.

މަސީހު މިހެން ވިދާޅުވެފައިވާއިރު މިއަދުވެސް ވަނީ ދައުރުން ބޭރު ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަމާ އެކު މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވާފައެވެ. އެ ކޮމެޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ.

މިރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައުމީ ސަލާމަތުގެ ކޮމެޓީގެ އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަކީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ޖަލްސާ ބޮއިކޯޓް ކޮށްފައެވެ.