20 Feb 2018, 15:14
ވިޔަފާރީގެ މުއާމަލާތްތަކުގައި ކޭޝް ނުވަތަ ނަގުދު ފައިސާ ބޭނުންކުރުން މުޅިން ހުއްޓި، ސްވީޑަން "ކޭޝްލެސް" ވެދާނެކަމަށް ބެލެވެން ފަށައިފިއެވެ.
ގިނަ ފިހާރަތަކުގައި "ނޯ ކޭޝް އެކްސެޕްޓެޑް" ނުވަތަ ނަގުދު ފައިސާ ގަބޫލުނުކުރާ ކަމަށް ޖަހާފައި ހުންނަ އިއުލާނު ފެނުމަކީ ސްވީޑަންގައި މިހާރު އާންމުކަމެކެވެ. ސްވީޑަންގެ ގިނަ މީހުން މިހާރު ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރުނީ ޑިޖިޓަލް ކަރަންސީއެވެ.
ސްވީޑަންގެ ގިނަ ބޭންކުތަކުންވެސް މިހާރު ފައިސާގެ ނޫޓު ބަލައެއް ނުގަނެއެވެ. ނަމަވެސް އެގައުމުގެ ދުވަސްވީ ގިނަ މީހުން އަދިވެސް ޑިޖިޓަލް ކަރަންސީގެ ހިދުމަތް ބޭނުމެއް ނުކުރެއެވެ.
ސްވީޑަންގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި، އެ ގައުމުގެ 25 ޕަސަންޓު ރައްޔިތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ފައިސާ ނޫޓު ބޭނުންކުރަނީ ހަފުތާއަކު އެންމެ ފަހަރަކުއެވެ. އަދި 36 ޕަސަންޓު މީހުން އެއްގޮތަކަށްވެސް ފައިސާގެ ނޫޓު ބޭނުމެއް ނުކުރެއެވެ.
ސްވީޑަންގެ މަރުކަޒީ ބޭންކުން މިހާރު ދަނީ އެގައުމުގައި ރަސްމީ ޑިޖިޓަލް ކަރަންސީގެ ހިދުމަތް ދިނުމާމެދު ވިސްނަމުންނެވެ. މިހާރު ސްވީޑަންގައި ޑިޖިޓަލް ކަރަންސީގެ ހިދުމަތް ދިނުމުގައި މޮބައިލް ޕޭއާއި، ކޭޝްކާޑު ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.
ސްވީޑަންގައި ފައިސާގެ ނޫޓު ބޭނުންކުރުން މަދުވަމުންދާތީ، އެކަމުން ދިމާވާނެ މައްސަލަތައް އެގައުމުގެ މަރުކަޒީ ބޭންކުން ދަނީ މިހާރު ބަލަމުންނެވެ.
ސްވީޑަންގެ ޕާލަމަންޓްރީ ރިވިއުގެ މެޓްސް ޑިލެން ވިދާޅުވީ ފައިސާގެ ނޫޓު ބޭނުންކުރުން ކުއްލިއަކަށް މަދުވުމުން، ގައުމުގެ އުމްރާނީ ވަސީލަތްތައް ދެމެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
މަސްދަރު: ބްލޫމްބާގް