19 Feb 2018, 19:50
މަޝްހޫރު ފާސްޓް ފުޓް އައުޓްލެޓް ކޭއެފްސީއަށް ކުކުޅު ލިބުން ދަތިވެ އިނގިރޭސި ވިލާތުގައި ހިންގާ ގިނަ އައުޓްލެޓްތައް ބަންދުކޮށްފިއެވެ.
ކުކުޅު ލިބުމުގެ ތާއްޓާއެކު ކޭއެފްސީ އިން ބުނަނީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ޑީއެޗްއެލް އިންނެވެ. ކުކުޅު ނުލިބިގެން 600 އައުޓްލެޓު މިހާރުވެސް ވަނީ ބަންދުކޮށްފައެވެ.
ކޭއެފްސީއަށް ކުކުޅު ނުލިބޭތީ ގިނަ ރެސްޓޯރެންޓުތަކުން މިހާރު ލިބެން ހުރީ ލިމިޓެޑު ކާއެއްޗެހިކަމަށް ހަބަރުތައް ބުނެއެވެ.
ބައެއް އައުޓްލެޓުތަކުގައި ބަންދު ބޯޑާއެކު ޖަހާފައިވާ ނޯޓިސްއެއްގައި ބުނަނީ އެތަނުން ފޯރުކޮށްދެނީ ތާޒާ ކުކުޅު ކަމަށާއި ކުކުޅު ލިބުމުގައި ތާށިކަމެއް ކުރިމަތިވެފައިވާތީ ފުލް މެނޫއަށް ކާއެއްޗެހި ފޯރުކޮށްދެވެން ނެތް ކަމަށެވެ.
ޑީއެޗްއެލްގެ ބޮލުގައި ޒިންމާ އަޅުވަމުން ކޭއެފްސީއިން ބުނީ އާ ޑެލިވަރީ ޕާޓްނަރެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި ހުރި 900 ރެސްޓޯރެންޓަށް ކުކުޅު ޑެލިވަރީ ކުރެވޭވަރަށް އަދި އިންތިޒާމު ހަމަނުޖެހޭ ކަމަށް އެކުންފުނިން ބުނެއެވެ.
ބިޑްވެސްޓް ލޮޖިސްޓިކްސް އިން ދިން ކުކުޅު ޑެލިވަރީގެ ހިދުމަތް ޑީއެޗްއެލްއަށް ބަދަލުކުރީވެސް އެފަދަ މައްސަލައެއް ޖެހިގެންނެވެ.
ނޮވެމްބަރު މަހު ޑީއެޗްއެލް އިން ބުނީ ކޭއެފްސީގެ ސަޕްލައި އެންޑް ޑިސްޓްރިބިއުޝަން އަދި ޕެކޭޖިންގެ މަސައްކަތާ ހަވާލުވެފައިވާ ކަމަށާއި 850 އަށް ވުރެ ގިނަ އައުޓްލެޓުގެ ކަންތައް އެކުންފުނިން ބަލާނެ ކަމަށެވެ.
ކޭއެފްސީ ބަންދުކުރުމުން މެކް ޑޮނަލްޑްސް ފަދަ ވާދަވެރިންނަށް އޮތް ޑިމާންޑު ވަނީ އިތުުރުވެފައެވެ. ކަސްޓަމަރުންގެ ނުރުހުންވެސް ދަނީ ކޭއެފްސީއަށް އަމާޒުވަމުންނެވެ.