19 Feb 2018, 17:00
ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސް ނުކުރެވިދާނެތީ ކަންބޮޑުވެގެން ނޫޅޭ ކަމަށާއި އެކަމަކުން ވާނެ ގެއްލުމެއް ނެތް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު ފާސްކުރިޔަސް ނުކުރިޔަސް ވާނެ ގެއްލުމެއް ނެތް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ގާނޫނީ ވާޖިބު އަދާކުރުމަށް އަޅުއްވަންޖެހޭ ފިޔަވަޅު އެޅުއްވުމަކަށް މިގަރާރު ފާސް ވުމަކުން ނުވުމަކުން އެއްވެސް ހުރަހެއް ނެތް ވާހަކަ އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ކުއްލި ހާލަތުގެ ގަރާރުގެ މުއްދަތު ހަމަވެއްޖެ ނަމަ އަލުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
"މިއަދު ނޫނީ މާދަމާ މުއްދަތު ހަމަވިއްޔާ މާދަމާ އަލުން އިއުލާނު ކުރުމުގެ ބާރު ރައީސް ޔާމީނަށް ގާނޫނުއަސާސީން ލިބިދީފައި އެބައޮތް،" އަދުރޭ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ގަރާރުގެ ވަކިބައެއް ނުވަތަ ގަރާރު އެކުގައި ފާސްކުރުމާއި މުއްދަތު އިތުރު ކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުން އަދި ގަރާރު ބާތިލު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ.
ހަމައެހެންމެ ގާނޫނުއަސާސީގައި ވާގޮތުން ގަރާރު ފާސްކުރަން ބާއްވާ ޖަލްސާއަށް 43 މެމްބަރުން ހާޒިރު ނުވެއްޖެ ނަމަ ގަރާރު ފާސްކުރަން ވޯޓަކަށް ނޭހޭނެ އެވެ. އެއީ ކުއްލި ހާލަތުގެ ގަރާރަކީ ރައްޔިތުން އަމަލު ކުރަން ޖެހޭ ގަރާރަކަށް ވާތީ އެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ރައްޔިތުން އަމަލު ކުރަންޖެހޭ ކަމެއް މަޖިލީހުން ނިންމާނަމަ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކޮށްފައި އެއްބަޔަށް ވުރެ ގިނަ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ތިބެން ޖެހޭނެ ކަމަށެވެ.