ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ކުރީގެ ސެކްރެޓަރީ ޖަނެރަލް ޅ. ހިންނަވަރު، ދޭލިޔާއާގެ، އިބްރާހީމް މުޙައްމަދު (ސިމް)، (63އ)ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިރު ކުރި ލިޔުމެއްގައި ވަނީ ސިމް ހޯދަނީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 20 ވަނަ ދުވަހުގެ 13:30 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ.

ފުލުހުން އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޓީ ހިންގުމުގައި އިސް ދައުރެއް އަދާ ކުރެއްވި ސިމް އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާގެ ފިރިކަލުންނެވެ.