19 Feb 2018, 16:25
ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސްރީލަންކާގެ ޕާލަމެންޓުގެ ރައީސް ކަރު ޖަޔަސޫރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެ ސިޓީގެ ކޮޕީއެއް ލަންކާގެ ނޫސްތަކުން ވަނީ އާންމުކޮށްފައެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖަޔަސޫރިޔާއަކީ، ސާކް ސްޕީކާސް އެންޑް ޕާލަމެންޓޭރިއަންސް އެސޯސިއޭޝަންގެ ވެސް ޗެއާޕާސަންކަން ކުރައްވާ ފަރާތެވެ.
ޖަޔަސޫރިޔާގެ ސިޓީގައި ވިދާޅުވެފައިވަނީ ސާކްގެ ޕާލަމެންޓޭރިއަނުންގެ ޖަމްއިއްޔާގެ މެމްބަރުން އަބަދުވެސް މަަސައްކަތް ކުރާނީ ސާކް ޗާޓަރ އޮފް ޑިމޮކްރަސީއާ އެއްގޮތަށް ކަމަށާއި، ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ކަންބޮޑުވުން މަސީހުއަށް ދެންނެވުމަކީ ޖަމްއިއްޔާގެ ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގައި ކުއްލި ހާލަތުގެ އިއުލާނުކުރުމާއި، ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާނުވުމާއި، ދުސްތޫރީ އަސާސުތައް ގަބޫލުނުކުރުމުގެ އިތުރުން ރޫލް އޮފް ލޯއަށާއި ފަނޑިޔާރުގޭގެ މިނިވަންކަމަށް އިހުތިރާމު ނުކުރުމުން ފަދަ ކަންކަމަކީ ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ބާއްވާ އިންތިޚާބަކަށް ނޭދެވޭ އަސަރުތަކެއް ކުރުވަފާނެ ކަންކަން،" ލަންކާގެ ޕާލަމެންޓުގެ ރައީސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބާރުތައް ވަކިކުރުމާ ބެހޭގޮތުން ރާއްޖޭގެ ގާނޫނު އަސާސީގައި ވާ ކަންކަމަށް އިހުތިރާމުކޮށް، އަމަލުކޮށްފި ނަމަ ސާކް ސަރަހައްދުގެ ބާރުވެރިކަން އިތުރުވާނެ ކަމަށެވެ.
ޖަޔަރޫސިޔާ ވިދާޅުވީ ރާއްޖެއަކީ ސާކް ޕާލަމެންޓޭރިއަންސް އެސޯސިއޭޝަންގެ މުހިންމު މެމްބަރެއް ކަމަށާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން މުޅި ސާކް ސަރަހައްދަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށެވެ.
"އެހެންކަމުން، ރާއްޖޭގެ ހުރިހާ ފަރާތަކުން ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ހައްލެއް ހޯދައި، މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުން އެމެމްބަރުންގެ ޒިންމާ އަދާކުރާނެ ފުރުސަތު ހޯދައިދީ، މިއަހަރު ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް މަނިކުފާނު އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ލަންކާގެ ޕާލަމެންޓުގެ ރައީސް ކަރު ޖަޔަސޫރިޔާ ވިދާޅުވިއެވެ.