ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވާ މަރުހަލާގައި މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެން ނުޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމުން ތަޅުމުގައި ހާޒިރުވެތިބި މެމްބަރުންގެ އަދަދަކީ 39 އެކެވެ. މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަދު ބޭއްވި ޖަލްސާގައި 43 މެމްބަރުން ހާޒިރުވެފައި ނުވާތީ ޖަލްސާ ސައްހަ ނޫން ކަމަށެވެ.

އިބޫއަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދެއްކީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށެވެ. މަޖިލީހުގެ ތަޅުމަށް 43 މެމްބަރުން ހަމަވާން ޖެހެނީ މަޖިލީހުން ގަރާރު ފާސް ކުރާ އިރު ކަމަށެވެ.

"އެ ކޮމިޓީއަށް ފޮނުވާ ކަށެއް ތަޅުމުގައި 43 މީހުން ތިބޭކަށް ނުޖެހޭ،" އަދުރޭ ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ 43 މެމްބަރުން ނެތި މަޖިލީހުން ގަރާރު ފާސް ނުކުރެވޭނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ގަރާރު ފާސް ކުރާ އިރު ތަޅުމުގައި 43 މެމްބަރުން ތިބޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ގަރާރު ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިބޭނެ،" ނިހާން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ މިއަދު ފާސްކޮށްފަ އެވެ. އެނގިފައިވާ ގޮތުން މިރޭގެ ވަގުތެއްގައި ގަރާރު ފާސްކުރުމަށް ޖަލްސާ ބާއްވާނެ އެވެ. ނަމަވެސް އެކަން މަޖިލީހުން އަދި އަންގާފައެއް ނުވެ އެވެ.