ކަރަންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން ފައިސާ ބަލައިގަތުމަށް ބޭނުން ކުރާ ސިސްޓަމް ފެއިލްވެ، ހިދުމަތް ނުދެވުމުގެ ސަބަބުން ފިނޭންސުގެ މަސައްކަތްތައް މިއަދު މެދުކަނޑާލައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު މިއަދު ވިދާޅުވީ، ސިސްޓަމަށް މައްސަލަ ދިމާވެ، އެއްވެސް ގޮތަކަށް ފައިސާގެ މުއާމަލާތްތައް މިއަދު ކުރިއަށް ނުގެންދެވުނު ކަމަށެވެ.

"އަޅުގަނޑުމެން ވަކި ސޮފްޓްވެއާއެއް ބޭނުންކޮށްގެން ހުރިހާ ޕޭމަންޓްތަކެއް މިހަދަނީ މުޅި ސަރުކާރުގެ. އެހެންވީމަ، ކަރަންޓު ގޮސްގެން އެއަށް ]ސިސްޓަމަށް[ އަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެއެއްޗެހި ފަންކްޝަން ނުކުރާތީ އަޅުގަނޑުމެންނަށް އެސިސްޓަމް ތެރެއަށް ނުވަދެވިގެން މަސައްކަތް ހުއްޓާލައި، ނޯޓިސް ނެރުނީ،" ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ކަރަންޓުގައި މައްސަލަ ޖެހުނު ކަމަށް ބެލެވެނީ ހަފްތާ ބަންދުގައި އޮފީހުގައި ކުރި މަސައްކަތްތަކެއްގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ކަރަންޓުގެ މެއިން ސިސްޓަމް ފެއިލްވިއިރު، ބެކް އަޕް ސިސްޓަމް ވެސް ބޭނުން ނުކުރެވުނު ކަމުގައި އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށާއި މާދަމާ ހިދުމަތްތައް ދޭން ފެށޭތޯ ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.