19 Feb 2018, 11:52
ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަމާ އެކު މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ އަށް ރައީސް ފޮނުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ "ސަލާމަތީ ބާރުތަކުގެ މުވައްސަސާތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާ އިރު ކުއްލި ނުރައްކަލުގެ މުއްދަތު އިއުލާނު ކުރަން ޖެހޭ ހާލަތު މިހާރު ވެސް ދެމި އޮތުމާ އެކު އަދި އެހާލަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާތީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ ގަރާރު، އެ ގަރާރަށް އިސްލާހު ހުށަހެޅުމަށް އިއުލާނުކޮށްފައިވާ ދެ ގަރާރު ހިމެނޭ ގޮތަށް ތިޔަ އިއްޒަތްތެރި މަޖިލީހަށް ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ (ށ) ގެ (2) އިން ލިބިފައިވާ ބާރުގެ ދަށުން 30 ދުވަހަށް އިތުރުކޮށްދެއްވުން އެދި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުގެ ދަށުން" ހުށަހަޅުއްވާ ކަމަށެވެ.
ކުއްކި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކޮށްދެއްވުމަށް ރައީސް ހުށަހެޅުއްވި ހުށަހެޅުއްވުމަށް މިހާރު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުންދާ އިރު، އިދިކޮޅު މެންބަރުން ވަނީ މަޖިލިސް ބޮއިކޮޓްކޮށްފަ އެވެ. އެ ގަރާރަށް ބަހުސްކުރައްވަމުން ގެންދަވަނީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނެވެ.
އިދިކޮޅު މެންބަރުން މަޖިލިސް ޖަލްސާ ބޮއިކޮޓު ކުރެއްވީ، ގާނޫނު އަސާސީއާ ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރައްޔިތުން އަމަލުކުރަން ކުރަން ޖެހޭ ކަމެއް މަޖިލީހުން ނިންމާ އިރު 43 މެމްބަރުން މަޖިލީހަށް ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. މިއަދުގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ 39 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގައި ގަރާރަށް ބަހުސްކުރައްވަމުން ކުޅުދުއްފުށި ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމްގެ ބާރުތައް ކެނޑޭ ގޮތަށް ހިފަހައްޓާފައިވާ މާއްދާތައް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ސައްހަކޮށްކަން ބުނަން ދަތި ކަމަށާއި އެކަމާ ގުޅިގެން ގަރާރަށް އިސްލާހު ގެންނަން ފެނިވަޑައިގަންނަވާ ކަމަށެވެ.