21 Aug 2011, 16:29
ހެލްތު ކޯޕަރޭޝަންތަކުގެ ދަށުން ހިންގާ ތަންތަނުގެ ހިދުމަތުގެ އަގު ކޮންޓްރޯލްކޮށް، އަމިއްލަ ކްލިނިކްތަކުން ބޭނުން އަގެއް ނަގުމުގެ ހުއްދަ ދިނުމަށް ކެބިނެޓުން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީ ކެބިނެޓަށް ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރުމަށް ފަހު ސިއްހީ ހިދުމަތްތަކުގެ އަގު ކޮންޓްރޯލް ކުރުމާ މެދު މިދިޔަ މަހު ކެބިނެޓުން ގޮތްތަކެއް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ކަނޑައަޅުއްވާ އަގުތަކުގައި ސިއްހީ ހިދުމަތް ދެމުންގެންދާ ހެލްތު ކޯޕަރޭޝަންތަކާއި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން މަދަނައިގެ ހިދުމަތް ފަހި ގޮތަކަށް ލިބޭނެ ގޮތައް ނިންމާފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"ސަރުކާރުން ކޮންޓްރޯލް ކުރައްވާނީ ކޯޕަރޭޝަންތަކާއި ސަރުކާރުން ދެއްވާ ހިދުމަތްތަކުގެ އަގު. ދެން ޕްރައިވެޓް ކްލިނިކްތަކުގެ އަގު ކޮންޓްރޯލް ކުރެއްވުން ދޫކޮށްލުމަށްފައި. އެހެންނަމަވެސް މަދަނައިގެ ހިދުމަތް ފަހިކޮށް ލިބިވަޑައިގަންނަވާނީ ސަރުކާރުން ކަނޑައަޅުއްވާ އަގުތަކެއްގައި ހިދުމަތް ދެއްވާ ފަރާތްތަކުން ކަމަށް ނިންމަވާފައި ވަނީ،" ޒުހައިރު ވިދާޅުވި އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނަށް ހެލްތު މިނިސްޓްރީން ކުރިން އަންގާފައި ވަނީ ވަކި އަގުތަކެއްގައި ހިދުމަތް ދިނުމަށެވެ. ނަމަވެސް ޑޮލަރުގެ އަޑު ބޮޑުވުމާ ގުޅިގެން ގިނަ ކްލިނިކްތަކުން ދަނީ އެ މިންގަނޑަށް ފަހަނައަޅައި، ބޮޑު އަގުތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަތުން ފައިސާ ނަގަމުންނެވެ. އެ ގޮތުން ޑޮކްޓަރަށް ދެއްކުމަށް ވެސް 200ރ. އާއި 400ރ. އާ ދެމެދުގެ އަދަދަށް ފައިސާ މިހާރު ވެސް ނަގަމުންދެ އެވެ.