19 Feb 2018, 12:07
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ހުއްޓުމެއް ނެތި ތަފާތު އެކި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށް، އދ. އިން ރާއްޖެ ވަޑައިގަތް އުޅުއްވާ ވަފްދަށް ސަރުކާރުގެ މިނިސްޓަރުން ދަންނަވައިފި އެވެ.
މިނިސްޓަރުންގެ ޓީމަކުން އިއްޔެ ވަނީ ރާއްޖޭގައި ތިއްބަވާ އދ.ގެ ދެ މަންދޫބަކާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެބޭފުޅުން މިއަދު ބައްދަލުކުރައްވާފައި ވަނީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝޯކޯ ނޯޑާ އާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މޯނާ ރިޝްމަވީއާ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރުންގެ ބައްދަލުކުރެއްވުމުގައި، ބޭރުގެ ބައެއް ފަރާތްތަކުން ނެރެމުންދާ "ދޮގު ބަޔާންތަކު"ގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާ ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ދޮގު މަޢުލޫމާތު ހިއްސާކޮށް ހަގީގަތާ ޚިލާފަށް ވާހަކަތައް ފަތުރަމުންދާ ކަމަށް އދ.ގެ މަންދޫބުންނަށް ކިޔައިދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރާއި އެ އަމުރުގައިވާ ކަންތައްތަކާއި އެއާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅޭ މައުލޫމާތުތައް އދ.ގެ ދެ މަންދޫބުންނަށް މިނިސްޓަރުން ހިއްސާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ ގޮތުން އަޅަންޖެހުނު އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރުން ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު، ކުރިއެކޭ ވެސް އެއްފަދަ އިން ދެފުށްފެންނަގޮތަށް، ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދަވާނެ ކަމުގެ ޔަގީންކަން އދ. ފަރާތުން ރާއްޖެ އަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފްދަށް މިނިސްޓަރުން ވަނީ ދެއްވައިފައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.