ވޮޝިންޓަން(ފެބްރުއަރީ 19): އެމެރިކާގައި ގެދޮރުނެތުމުގެ ސަބަބުން މަގުމަތީގައި އުޅެންޖެހިފައިވާ އެގައުމުގެ ފަސްލައްކައަށް ވުރެ ގިނަ އާންމު ރައްޔިތުން ގަދަ ފިންޏާއި ސްނޯގެ ސަބަބުން މިދުވަސްވަރު ވަރަށް ބޮޑެތި ވޭންތަކެއް ތަހައްމަލް ކުރަމުން ގެންދާކަން، އެގައުމުގެ ނެޝަނަލް ޔުނިޔަން ފައުންޑޭޝަނުން ހާމަކޮށްފިއެވެ.

އެފައުންޑޭޝަނުން ބުނީ އެމެރިކާގެ އެކި ސްޓޭޓްތަކުގައި ގެދޮރުނެތުމުގެ ސަބަބުން މަގުމަތީގައި ނިދާ ފަސްލައްކައަށްވުރެ ގިނަ މީހުން އުޅޭކަމަށާއި އޭގެތެރެއިން އެންމެ ގިނަ މީހުން އުޅެނީ އެމެރިކާގައި އެންމެ މުއްސަނދިން ގިނަ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ނިޔުޔޯކްގައެވެ. މިފަދަ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި މުސްކުޅިންނާއި ނުކުޅެދޭ މީހުންނާއި އަންހެނުންނެވެ.

މިދުވަސްވަރަކީ އެމެރިކާއަށް ފިނި މޫސުންކަމަށްވެފައި މިއަހަރުގެ ފިނި މޫސުމަކީ އެހެންއަހަރުތަކުގެ ފިނި މޫސުންތަކަށްވުރެ ފިނި ގަދަވެފައި ބޯކޮށް ސްނޯ ފައިބާ ފިނިމޫސުމަކަށްވާތީ، ފޮށިފޮށިގަނޑުގައި ރަޖާފަދަ ތަކެތި އަޅައިގެން ނިދާމީހުން ތަހައްމަލްކުރަންޖެހިފައިވަނީ އާދަޔާ ޚިލާފު ވޭނެއްކަމަށާއި އޭގެތެރެއިން ގިނަ ބަޔަކު ބޮޑެތި ބަލިތަކެއް ތަހައްމަލް ކުރަމުންގެންދާކަމަށްވެސް ޔުނިޔަން ފައުންޑޭޝަނުން ބުނެއެވެ.

އެމެރިކާގެ ގެދޮރުނެތް މީހުންގެ ތެރެއިން ފަސްދޮޅަސް އިންސައްތަ މީހުން ނިދައި އަދި ދިރިއުޅެނީ މަގުމަތީގައާއި ޕޭމަންޓްތަކުގައިވާ ފޮށިގަނޑުތަކުގައެވެ. އަނެއްބައި މީހުން ނިދަނީ ޕާކްތަކާއި އެނޫންވެސް އާންމު ތަންތަނުގައެވެ. އެމެރިކާގައި އެކިކަންކަމަށް ބޭނުންކުރުމަށް އެތަށް ސަތޭކަ ޝެލްޓަރ ތައް ހުންނައިރު އެޝެލްޓަރ ތަށް ބޭނުންކުރުމުގެ ފުރްސަތުވެސް ހޯމްލެސް މީހުންނަކަށް ނޯވެއެވެ.

އެމެރިކާގެ ނެޝަނަލް ޔޫނިޔަން ފައުންޑޭޝަނުން މަސައްކަތްކުރަނީ އެމެރިކާގެ ސްޓޭޓްތަކުގެ ސަރުކާރުތަކާ ގުޅިގެން ހޯމްލެސް މީހުންނަށް އެ ޝެލްޓަރ ތައް ބޭނުންކުރުމުގެ ފުރްސަތު ހޯދައިދިނުމަށެވެ. މީގެއިތުރުން އެމެރިކާގެ ޚައިރާތު ޖަމިއްޔާތަކުން ފަގީރުންނަށާއި ހޯމްލެސް މީހުންނަށް ހިންގާ ޚާއްސަ ޕްރޮގްރާމްތަކުގެ އެހީގައި މި ފަސްލައްކަ މީހުންނަށް އާދައިގެ ފެންވަރެއްގައި ގެދޮރު އަޅައިދިނުމުގެ މަޝްރޫއެއް ހިންގުމަށްވެސް ޔުނިޔަން ފައުންޑޭޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ އެކި ފައުންޑޭޝަންތަކުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފަގީރުންނަށާއި ހޯމްލެސް މީހުންނަށް ހިލޭ ކާންދިނުމުގެ ޚިދްމަތްތައް ދެމުން ގެންދެއެވެ. މިގޮތުން އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި މިފަދަ މީހުންނަށް ހިލޭ ކާންދޭ ފުޑްބޭންކްތައްވެސް ހުރެއެވެ.

އެމެރިކާގައި ދިރިއުޅޭ ގެދޮރުނެތް (ހޯމްލެސް) މީހުންގެތެރެއިން ބައެއް މީހުންނަށް ނިޔުމޯނިއާ އާއި އެނޫންވެސް ބަލިތަށްޖެހުމުގެ ސަބަބުން ކޮންމެ އަހަރެއްގެ ފިނި މޫސުމުގައިވެސް އޭގެތެރެއިން އެތަށް ސަތޭކަ ބަޔަކު މަރުވަމުންދާ ކަމަށް އެމެރިކާގައި ޝާއިއުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޝިކާގޯގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އެސިޓީގައި ދިރިއުޅޭ ގެދޮރުނެތް މީހުންގެ ތެރޭގައި ނަވާރަހާސް ކިޔަވާކުދިންވެސް އުޅެއެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭގައުމެއް ކަމަށްވާއިރު ފަގީރުންނާއި ހޯމްލެސް މީހުންގެ މައްސަލަ އެމެރިކާއަށް ހައްލުނުކުރެވޭ ސަބަބާމެދު ފަގީރުންގެ ކަންތައްތަކާބެހޭ އދ. ގެ ރެޕަޓުއާ (މުގައްރިރު) ފިލިޕް އެލްސްޓަންވަނީ ކަންބޮޑުވާކަން ހާމަކުރައްވައި ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ.

އެމެރިކާގެ ފަގީރުންނާއި ހޯމްލެސްމީހުންގެ ހާލަތު ބައްލަވާލެއްވުމަށްޓަކައި އެމެރިކާގެ ބައެއް ސްޓޭޓްތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ފިލިޕް އެލްސްޓަން ވިދާޅުވީ ފަގީރުންނާއި ހޯމްލެސް މީހުންގެ ހާލަތު އެމެރިކާގައި ހުރިގޮތުން ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށާ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގައި އެބްޒޮލިއުޓް ޕަވަޓީގައި އުޅޭފަދަ ނިކަމެތި ހާލަތުގައި އެމެރިކާގައި ފަގީރުން އުޅެމުންދާކަން މީގެކުރިން އޭނާއަށް ގަބޫލުކުރެވިފައި ނުވާކަމުގައެވެ.

އެމެރިކާގެ ހޯމްލެސް މީހުންގެ ތެރޭގައި މުޖްރިމުންނާއި ވަގުން ގިނަވަނީވެސް އެމީހުންނާ އަޅާނުލެވުމުގެ ސަބަބުންކަމަށް އޭނާވިދާޅުވިއެވެ. ވައްކަން ކޮށްގެންނާއި އެނޫންވެސް ކުށްތައްކޮށްގެން މިދިޔަ އަހަރު ލޮސްއެންޖަލަސްގައި އެކަނިވެސް ހޯމްލެސް މީހުންނާއި ފަގީރުންގެ ހަހާސް ހަސަތޭކަ ނުވަދިހަ ހަމީހުން ހައްޔަރުކޮށް ޖަލަށްލާފައިވާކަން އދ. ގެ ރެޕަޓުއާ ފާހަގަ ކުރެއްވިއެވެ.

އެމެރިކާއަށް ވަޑައިގެން އދ. ގެ ރެޕަޓުއާ ތައްޔާރުކުރައްވައި އދ. އަށް ހުށަހެޅި ރިޕޯޓްގައިވާގޮތުން އެމެރިކާގެ ހޯމްލެސް މީހުންނާއި ފަގީރުންގެ ތެރެއިން އެކާވީސް އިންސައްތަ މީހުންނަކީ ދެޖިންސުގެ ކުޑަކުދިންނެވެ. އެއީ ގާތްގަނޑަކަށް ލައްކައެއްހާ ކުޑަކުދިންނެވެ. މިކުދިން ކައިބޮއި އަދި ދިރިއުޅެނީވެސް މަގުމަތީގައާއި ޕާކްތަކުގައި ކަމަށާ އޭގެތެރެއިން ގިނަ ކުދިން އެއްވެސް ގޮތަކަށް ސްކޫލަކަށް އަދި ތައުލީމު ހާސިލްކުރާ މަރުކަޒަކަށްވެސް ނުދާކަން އެރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ސިނާޢީ ގައުމުތަކާ އަދި މުއްސަނދި ގައުމުތަކަށް ބަލާއިރު ހޯމްލެސް މީހުންނާއި ފަގީރުންގެ ހާލަތު އެންމެ ގޯހީ އެމެރިކާގައެވެ. އަދި ފަގީރުންނާއި މުއްސަނދިންގެ ތަފާތުވެސް އެންމެ ބޮޑީ އެމެރިކާގައެވެ. މީގެއިތުރުން ހޯމްލެސް މީހުންނާއި ފަގީރުންގެ ހާލަތު ރަނގަނޅުކުރުމަށް މައި ސަރުކާރުގެ އަޅާލުން އެންމެ ބޮޑަށް ނުލިބެނީވެސް އެމެރިކާގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް އިން ނެރުނު ރިޕޯޓެއްގައިވާގޮތުންވެސް ހުޅަނގުގެ ގައުމުތަކަށް ބަލާއިރުވެސް ހޯމްލެސް މީހުންނާއި ފަގީރުންގެ އަދަދު ނިސްބަތުން އެންމެ މަތިވެފައި އެމީހުންނަށް އެންމެ އަޅާލުން ނުލިބެނީ އެމެރިކާގައެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)