21 Aug 2011, 16:14
ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލުފާގެ ފިރިކަލުން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ]މަޓީ[ގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހީމް މުހައްމަދަށް، ދެ ރިސޯޓެއް ހެދުމަށް މާލެ އަތޮޅުން ދެ ފަޅެއް ދިނުމާ ބެހޭ ގޮތުން ނޭޝަނަލް ޕްލޭނިން ކައުންސިލްގައި މަޝްވަރާކޮށްފި އެވެ.
މާލެ އަތޮޅުގައި ދެ ރިސޯޓް ތަރައްގީ ކުރާނެ، ދެ ފަޅެއް ސިމް އަށް ދިނުމާ ބެހޭ ގޮތުން ނޭޝަނަލް ކައުންސިލްގައި މަޝްވަރާކޮށްފައި ވަނީ މިދިޔަ މަހު ހަތަރު ވަނަ ދުވަހު އެވެ.
އޭނާ އެ ކައުންސިލަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ޖޫން މަހު 19 ވަނަ ދުވަހު އެވެ.
ނޭޝަނަލް ޕްލޭނިން ކައުންސިލުން އެނގިފައިވާ ގޮތުގައި އެޕްރޮޖެކްޓް ވަނީ ކަންޑިޝަންތަކާ އެކު އެޕްރޫވް ކުރާ ގޮތަށް ނިންމައިފަ އެވެ.
ސިމް މިއަދު ވިދާޅުވީ މާލެ އަތޮޅު ބޮޑު ހިތި ހިސާބުން ދެ ފަޅެއް ހިއްކައި 250 ވަރަކަށް އެނދުގެ ދެ ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި އޭނާ އަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް އަންގަވާފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ފަޅު ހިއްކައި، ދެ ރިސޯޓް ތަރައްގީ ކުރުމަށް އޭނާ އެކު އުޅުއްވާ ބޭފުޅުންގެ ވަރަށް ބޮޑު ޝައުގުވެރިކަން އެބަހުރި ކަމަށާއި އެ މަޝްރޫއު ފާސްކޮށްފި ނަމަ ޕްރޮޖެކްޓާއިގެން ކުރިއަށް ދިއުމަށް ހުންނެވި ކަމަށެވެ.
ސިމް މެދުފަންތީގެ ޗާޓާ މާކެޓަށް އަމާޒުކޮށްގެން ތަރައްގީ ކުރާ ދެ ފަޅަށް އަގެއްގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ 20 މިލިއަން ޑޮލަރެވެ.