ދައުރުން ބޭރުން މިއަދު ނުވައެއް ޖަހާއިރު ބާއްވަން ރައްޔިތުންގެ މަޖިލީހުން ތާވަލު ކުރި ޖަލްސާ މިއަދު 11 ޖަހާއިރަށް ފަސްކޮށްފި އެވެ.

މިއަދު ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށެވެ. މިއަދުގެ އެޖެންޑާގައި ވަނީ އެ މަސައްކަތް އެކަންޏެވެ. ޖަލްސާ ފަސްކުރި ސަބަބެއް ވަނީ ސާފުވާ ގޮތްނުވެފަ އެވެ.

މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބާއްވަން ނިންމާފައިވާ އިރު، ސަރުކާރުން މި މަހުގެ ފަސް ވަނަ ވަނަ ދުވަހު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އަންގާރަ ދުވަހުގެ ރެއަށް ހަމަވާނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހަށެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޓަކައި، އެ ހާލަތު އިއުލާނުކުރާތާ 48 ގަޑިއިރުތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މަޖިލީހުގެ ދައުރުން ބޭރުގައި ނަމަ، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ގޮތެއް ނިންމަން ޖެހެ އެވެ.

ސުޕްރީމް ކޯޓުން ރޭ ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް އަމަލުކުރުން މަޑުޖައްސާލަން އިލެކްޝަންސް ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ.