21 Aug 2011, 16:20
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އުފައްދާފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުން މަދަނައިގައި ބައިވެރި ކުރުމަށް ފިނޭންސުން ކައުންސިލްތަކުގެ ބަޖެޓަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުކޮށް ދީފި އެވެ.
ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ސޮއިކުރައްވައި، މިދިޔަ ބުދަ ދުވަހު ނެރުއްވި ސާކިއުލާއެއްގައި ބުނަނީ، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުން ހެލްތު އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރުމަށްޓަކައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ބަޖެޓަށް ފައިސާ އިތުރުކޮށްދީފައިވާ ކަމަށެވެ.
"ވީމާ، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުން މަދަނައިގައި ބައިވެރިކުރެއްވުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަށް އެ ފައިސާ ދައްކަވައި، ގަވައިދުން އެބޭފުޅުން މަދަނައިގައި ބައިވެރި ކުރެއްވުމުގެ ކަންތައްތައް ހަމަޖެއްސެވުން އެދެމެވެ." ސާކިއުލާގައި ބުނެފައިވެ އެވެ.
އަތޮޅު އަދި ރަށްރަށުގެ ކައުންސިލަރުންނަށް ފައިސާ ދޫކޮށްފައި ވަނީ މަދަނަ ޕްލަސްގައި ބައިވެރިވެވޭ ގޮތަށެވެ. އެ ސްކީމްގައި ބައިވެރިވުމަށް ނަގަނީ 3500ރ. އެވެ. އެހެންކަމުން އެ ރޭޓުން ބަލާ އިރު، 1074 ކައުންސިލަރުންނަށް ]ސިޓީ ކައުންސިލްގެ 17 މެމްބަރުން ނުލައި[ 3.7 މިލިއަން ރުފިޔާ އަރަ އެވެ. އަދި ސިޓީ ކައުންސިލްތަކަށް ދޫކޮށްފައިވާ ބަޖެޓާ ލައިގެން އެ އަދަދު 3.8 މިލިއަނަށް އަރާނެ ކަމަށް ބެލެވެ އެވެ.
ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް ވެސް 3000ރ. އަށް ވުރެ މަތީގެ ހެލްތު އިންޝުއަރެންސް ޕެކޭޖެއްގައި ބައިވެރިވުމަށް ސަރުކާރުން ބަޖެޓު ދޫކޮށްފައިވެ އެވެ. ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި ބައިވެރިވާން ބޭނުންވާ ޕެކޭޖް ހިޔާރުކޮށްފައި ވަނީ ސިޓީ ކައުންސިލްތަކުން އަމިއްލަ އަށެވެ.
ރައްޔިތުންގެ މަޖިލީހުން މުސާރައިގެ އޮނިގަނޑު ފާސްކުރިއިރު ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މެޑިކަލް އިންޝުއަރެންސްގެ ގޮތުގައި 15 މިލިޔަން ރުފިޔާ 1096 ކައުންސިލަރުންނަށް ހަދަރު ކުރުމަށް ނިންމާފައިވެ އެވެ.
ފިނޭންސް މިނިސްޓަރު އިނާޒް މިއަދު ވިދާޅުވީ، ކައުންސިލަރުންނަށް ބަޖެޓު ދީފައިވަނީ ގާނޫނުން އެ ފަރާތްތަކަށް ލިބިފައިވާ ހައްގުތައް ފުރިހަމަ ކުރުމަށް ކަމަށެވެ. "ގާނޫނޫން ބޭރުން" އެއްވެސް ކަމެއް ހަމަޖައްސާދީފައި ނުވާނެ ކަމުގައި ވެސް އިނާޒް ވިދާޅުވި އެވެ.
އަދި އިނާޒް ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ބޭފުޅުން ތަފާތު ހެލްތު ސްކީމްތަކުގައި ބައިވެރިވަމުން ގެންދާތީ، އެއް ސިސްޓަމެއްގެ ދަށުން އެކަން ކުރެވޭނެ އިންތިޒާމްތައް ފިނޭންސުން ހަމަޖައްސަމުންދާ ކަމަށެވެ.