ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓުން އަމުރުކޮށްފިއެވެ.

ދާދި ދެންމެއަކު އެ ކޯޓުން ނެރުނު އަމުރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް އަމަލުކުރުން މަޑުޖައްސާލަން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކޮށްފައި މިވަނީ، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެގޮތަށް އެ ކޯޓުގައި އެދިވަޑައިގެންފައިވާތީ ކަމަށެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ، މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ނިންމީ، ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި އެ ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި، އެ މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެންނެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޕީޕީއެމްގައި ތިބުމަށް ފަހު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން އޮތީ ކަނޑައަޅައިފައެވެ.

ނަމަވެސް މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފާސްކޮށް، ފަސް ފަނޑިޔާރުންގެ ސޮއިއާއެކު ނެރުނު އަމުރުގައި ވަނީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން ޖުލައި މަހު ކުރި ހުކުމް ބާތިލްކޮށްފައެވެ.

އަދި އެ ހުކުމުގެ ފަހުން މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށާއި އެ ހުކުމް ކުރިއިރު މަޖިލީހުގައި ތިބި މެމްބަރުން ވެސް ބައިވެރިކޮށްގެން މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްގެންދަން ވެސް ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.

މިރޭ ސުޕްރީމް ކޯޓުން ކުރި އަމުރުގައި، އެ ދެ ބަޔަށް ވެސް އަމަލު ކުރުން ފަސްކުރަން ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުން މިރޭ އެފަދަ އަމުރެއް ނެރެފައިވާއިރު މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް އެޖެންޑާކޮޮށް، ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުންނަށް ވަނީ ޖަލްސާއަށް ދައުވަތުވެސް ފޮނުވައިފައެވެ.