21 Aug 2011, 15:39
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރުގެ ގޮތުގައި ލިބޭ ފައިސާ ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކުތަކުން މާރުކުރާ ގޮތަށް މަޝްވަރާ ކުރަން ފަށައިފި އެވެ.
މީރާގެ ޑައިރެކްޓާ ޖެނެރަލް، ރެވެނިއު ސާވިސް، ފަތުހުﷲ ޖަމީލު މިއަދު ވިދާޅުވީ މީރާ އަށް ލިބޭ ޑޮލަރު މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މާރު ކުރުމުގެ ބަދަލުގައި ކޮމާޝަލް ބޭންކުތަކުން މާރުކުރުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެ މަޝްވަރާތައް އޮތީ އަދި ވަރަށް ޅަފަތުގެ ސްޓޭޖެއްގައި ކަމަށެވެ.
"އަޅުގަނޑުމެން އެ މަޝްވަރާތަކުގައި ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރަމުން މިދަނީ،" ފަތުހުﷲ ވިދާޅުވި އެވެ.
އެ މަޝްވަރާތަތަކީ ފިނޭންސްގެ އިސްނެގުމުގެ މަތިން ކުރާ މަޝްވަރާތަކެއް ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.
މީރާއިން އެ މަޝްވަރާތަށް ފެށި އިރު ކެބިނެޓުން ނިންމާފައި ވަނީ ސަރުކާރުން ބަލައިގަންނަ ފައިސާ ރުފިޔާ އިން ބަލައިގަތުމަށެވެ.