18 Feb 2018, 19:19
މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އަނިޔާވި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އިތުރު ފަރުވާއަށް ލަންކާއަށް ފުރަން ގޮސް ހުއްޓައި އެކަމަށް ފުލުހުން ހުރަސް އެޅިކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން އެކަން ދޮގުކޮށްފައި މިވަނީ، ހުސެއިން ފުރަން ގޮސް ހުޅުލޭ އެއާޕޯޓުގައި ހުއްޓައި ފުލުހުން އެއާޕޯޓަށް ގޮސް އޭނާއާ ސުވާލުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާގައި ވާހަކަދައްކާފައި ވަނިކޮށެވެ.
މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ހުސެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނީ ފްލައިޓަށް އަރަން ބޯޑިން ފާސް ކަނޑާފައި އޮއްވައެވެ.
ނަމަވެސް އެކަން ދޮގުކޮށް ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެ ޓީވީގެ ޖާނަލިސްޓް ހުސެއިން ހަސަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ގެންނަން އުޅުނު ކަމަށް ބުނެ މީޑިއާގައި ދައުރު ކުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެއްވައެވެ.
@Raajje_tvge journalist@HucenHassan@VelanaAirportin fuluhunge belumuge dhashah gennan ulhunu kamah bune mediagai dhauru kuramundhany dhogu khabareh kamugai dhannavan.
— Maldives Police (@PoliceMv)February 18, 2018
ރާއްޖެޓީވީން ބުނީ، މިއަދުގެ ވަގުތެއްގައި ހުސެއިން ލަންކާއަށް ފުރުވާލީ އެތެރެ ހަށްޓަށް ގެއްލުންވެފައިވާ ކަމަށް އޭނާ ބެއްލެވި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވާތީ ކަމަށެވެ.