21 Aug 2011, 15:36
ވެޓެރަންސްކަޕް ފުޓްބޯޅަ މުބާރާތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު މާޒިޔާއާ ދެކޮޅަށް ވީބީ ކުޅުނު މެޗްގައި ޖެހުނު މައްސަލަތައް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާގޮތް މިއަދު ހާމަ ކޮށްފި އެވެ.
އެފްއޭއެމް އިން ބުނީ، ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާއާ ވީބީ ބައްދަލުކުރި މެޗްގައި ޖެހުނު މައްސަލައަކީ ވީބީގެ ލިސްޓުގައި އެ ދުވަހުގެ ކުޅުމަށް މާކް ކޮއްފައިނުވާ ކުޅުންތެރިޔަކު ކުޅެފައިވާތީވެ ޖެހުނު މައްސަލައެއް ކަމަށެވެ. އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 52 'މެޗް ކުޅުމަށް ހައްޤު ލިބިފައިވާ ނުވާ ފަރާތެއްލައްވައި މެޗް ކުޅުވުން" އެ މާއްދާގެ ދަށުން އެމެޗުން ވީބީ ސްޕޯޓްސް ކުލަބް ބަލިވީކަމަށް ނިންމާ، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް އެ މެޗުން ތިން ޕޮއިންޓާއި ދެ ގޯލާއެކު މޮޅުވިކަމަށް ނިންމު މެވެ. އަދި ވީބީ ސްޕޯޓްސް ކުލަބް 10000 ރ. )ދިހަހާސް ރުފިޔާ( އިން ޖޫރިމަނާ ކުރިކަމަށް އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މާޒިޔާއާ ވީބީ އެދުވަހު ކުޅުނު މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، ދެ ޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި އެދުވަހުގެ މެޗުގައި ވީބީގެ ލިސްޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަނުކޮށް ހުރި ކުޅުންތެރިއެއް ކަމަށްވާ ގޯލްކީޕަރު ކެލާމާ ހަސަން ރަޝީދު )ހަސަނާ( ކުޅެން އެރުވުމުން ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ދިމާވި އެވެ. އިންޓަވަލް އަށް ފަހު ދެ ވަނަ ހާފު ފެށި ވަގުތު ހަސަނާ ކުޅެން އެރި ނަމަވެސް މާޒިޔާ އިން އެ މައްސަލަ އޮފިޝަލުންގެ ސަމާލުކަމަށް ގެނައުމާ އެކު އޭނާ ވަނީ ބާލައިފަ އެވެ.