18 Feb 2018, 15:14
ކްލަބު އީގަލްސްއާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ވާދަކުރާ މެޗުން އަންނަ އާދީއްތަ ދުވަހު އެސްޓީއޯ މާލޭ ލީގު ފެށުމަށް ތާވަލުކޮށް ފުރަތަމަ ބުރުގެ ޝެޑިއުލް މިއަދު އިއުލާންކޮށްފިއެވެ.
މިއަހަރުގެ މާލޭ ލީގުގައިވެސް އަށް ޓީމު ވާދަކުރާއިރު ފުރަތަމަ ބުރުގައި 28 މެޗު ކުޅޭނެއެވެ.
މާލޭ ލީގު ކަލަންޑަރުގައި، އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު ޔަގީންވެފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލުއިކޮށްދީފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އޭއެފްސީ ކަޕު ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މާޗު މަހު ހަތްވަނަ ދުވަހު ފަށާއިރު، ނިއުއިން ފުރަތަމަވެސް ކުޅެން ޖެހެނީ އަވޭގައި ބަންގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ އައިލީގު ޗެމްޕިއަން އައިޒައުލް އެފްސީއާ ދެކޮޅަށް ނިއުއިން ރާއްޖޭގައި ނުކުންނައިރު، މާލޭ ލީގުގެ ތާވަލުގައި މާޗު 10 އަދި 11 ވަނަ ދުވަހު ކުޅޭ މެޗު ތަކުގައި ނިއުގެ މެޗެއް ނުހިމެނޭނެއެވެ.
ނިއުއާއި ޔުނައިޓެޑް ވިކްޓަރީ ވާދަކުރާ މާލޭ ލީގުގެ ދިހަވަނަ މެޗު ފަސްކޮށްފައިވަނީ އޭޕްރީލް މަހުގެ ދެވަނަ ދުވަހަށެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މި އަހަރުގެ ސީޒަން ފެށުމުގެ ކުރިން ބުނެފައިވަނީ އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމުތަކަށް ލުޔެއް ދޭނެ ކަމަށެވެ. އެހެން ކަމުން އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކޮށް ޓީސީ ސްޕޯޓްސް ކްލަބަށްވެސް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިއްޖެ ނަމަ ޝެޑިއުލަށް ބަދަލު ގެނައުން ގާތެވެ.
މިއަހަރުގެ މާލޭ ލީގު ފުރަތަމަ ބުރުގެ ކުޅުން އޭޕްރީލް 21 ވަނަ ދުވަހު ނިމޭއިރު، މެއި މަހު އަންނަ ރޯދަ މަހުގައި ކުރިއަށްދާނީ ލީގުގެ ދެވަނަ ބުރުގެ މެޗުތަކެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް
25 ފެބްރުއަރީ 2018
1600 ކްލަބު އީގަލްސް - ވިކްޓްރީ ސްޕޯޓްސް ކްލަބު
- 2100 މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން - ކްލަބު ގްރީން ސްޓްރީޓްސް
26 ފެބްރުއަރީ 2018
1600 ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު - ޓީސީ ސްޕޯޓްސް ކްލަބު
- 2100 ކްލަބު ވެލެންސިއާ - ޔުނައިޓެޑް ވިކްޓްރީ