މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން (އޯއެޗްސީއެޗްއާރް)ގެ މަންދޫބު މޯނާ ރިޝްމަވީއާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު ހޯއްދެވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އޯއެޗްސީއެޗްއާރުގެ ޗީފް އޮފް ދަ ރޫލް އޮފް ލޯ، އިކުއަލިޓީ އެންޑް ނޮން-ޑިސްކްރިމިނޭޝަން ބްރާންޗު މޯނާ ރިޝްމަވއާީ ބައްދަލު ކުރައްވައި، ފޮރިން މިނިސްޓަރު ޑރ. އާސިމް ވަނީ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ބޭރުގެ މަންދޫބުން ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާކަމަށް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އޯއެޗްސީއެޗްއާރް އާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށާއި އެއްބާރުލުން ދޭނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާ ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާނެ ކަމަށް އދއިން ވަނީ ބުނެފައެވެ.

މިއަދުގެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޮޑާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.