ތެހެރާން (ފެބްރުއަރީ 18): ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އީރާނުގެ ބޯޓެއް ވެއްޓިއްޖެ ކަމަށް އެ ގައުމުގެ އެމާޖެންސީ ސެންޓަރުން ބުނެފި އެވެ.

އީރާނުގެ ތަސްނިމް ނޫސް އޭޖެންސީން ބުނި ގޮތުގައި 66 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެބޯޓު ވެއްޓުނީ ތެހެރާން އިން ޔާސޫޖްއަށް ދިޔަ މަގުމަތީގައި ރާޑަރުން ގެއްލުނު ފަހުންނެވެ. އަދި އެބޯޓު ވެއްޓުނީ ޔަސޫޖްއާ 80 ކިލޯ މީޓަރު އުތުރުގައި އޮންނަ ސަމީރޮމް ސިޓީއަށެވެ.

އީރާނުގެ އެމާޖެންސީ ސާވިސެސް އިން ބުނި ގޮތުގައި ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމަށް އެސަރަހައްދަށް މިހާރު ވަނީ ރެސްކިއު ޓީމުތައް ފޮނުވައިފަ އެވެ.

އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި މިއަދު ވެއްޓިފައި ވަނީ އީރާނުގެ އާސްމާން އެއާލައިންސްއަށް ނިސްބަތްވާ އޭޓީއާރު 72 މަރުކާގެ ބޯޓެކެވެ.

އީރާނާ ދެކޮޅަށް ގިނަ އަހަރުތަކެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ކޮމާޝަލް ޕެސެންޖާ ފްލައިޓުތައް ވަނީ ދުވަސްވެފަ އެވެ. އޭގެ ސަބަބުން ފަހަކަށް އައިސް ގިނަ އެކްސިޑުންތައް ވަނީ ހިނގައިފަ އެވެ. (އޭޕީ)