18 Feb 2018, 13:08
ރާއްޖެއަށް ބޭރުގެ ފިއްތުންތަކެއް ވެސް ޕްރެޝަރެއް ވެސް ބޭނުން ނުވާ ކަމަށާއި ދިވެހިންނަކީ މައްސަލަތައް އަމިއްލައަށް ހައްލު ކުރެވޭނެ ބައެއް ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިއާގެ އައުޓް ލުކް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހަލަބޮލިކަން ހައްލުކުރުމަށް ބޭރުގެ ނުފޫޒު ބޭނުން ނުވާ ކަމަށެވެ.
"ރާއްޖޭގައި އޮތީ ކޮންސްޓިޓިއުޝަނަލް ކްރައިސިސް [ދުސްތޫރީ ހަމަނުޖެހުމެއް]އެއް. ދާޚިލީ ހަނގުރާމައެއް ނޫން. ރާއްޖޭގައި އުޅޭ ބިދޭސިންނަކަށް ވެސް ނުރައްކަލެއް ނެތް،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ 1988 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާގެ އެހީތެރިކަމަށް އެދުނު ނަމަވެސް މިއަދު އޮތީ އެފަދަ ހާލަތެއް ނޫން ކަމަށެވެ.
"ބައެއް ފަރާތްތަކުން މި ދި ދެހާލަތު އެއްގޮތް ކޮށްގެން ވާހަކަ ދައްކަނީ ރާއްޖެއަށް ބޭރުގެ ނުފޫޒު ގެންނަން،" ސަފީރު ވިދާޅުވެފައިވެ އެވެ.
އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ އިންޑިއާ އަކީ އަބަދު ވެސް ގާތް އަޚެއް ކަމަށެވެ. ރާއްޖެއިން އިންޑިއާ ކަނޑުގެ ސަލާމަތަށް އަބަދު ވެސް ސަމާލުކަންދޭ ކަމަށާއި ސިޔާސީ ގޮތުން ވާހަކަ ދައްކާ ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ އަމިއްލަ މަސްލަހަތުގައި ކަމަށް ސަފީރު ވިދާޅުވި އެވެ.
ސަފީރު މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާ އަސްކަރިއްޔާ އިން ރާއްޖެ އައުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލާފައިވަނިކޮށެވެ. އެކަމަށް އިޝާރާތް ކުރައްވައި ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ނާންނާނެ ކަމަށާއި އިންޑިއާ އަކީ ރާއްޖޭގެ ގާތް އަޚެއް ކަމަށެވެ.
ސަފީރު އަހުމަދު އިތުރަށް ވިދާޅުވީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި ތިން އަހަރު މަސައްކަތް ކުރެއްވި އިރު ދިވެހި ސަރުކާރުން އިންޑިއާ އާ މެދު ހިތް ބުރަކަމެއް ނުގެންގުޅޭ ކަމަށެވެ.
ރާއްޖޭގެ ހާލަތާ ގުޅިގެން އިންޑިއާ އިން އަޅާފާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސަފީރު ވިދާޅުވީ ފިޔަވަޅެއް އަޅާނެ ޖާގައެއް ނެތް ކަމަށެވެ. ރާއްޖެއާ ގުޅޭ ގޮތުން ވާހަކަ ދައްކަންވާނީ މިހާރު ރާއްޖޭގައި ހިނގާ ކަންތަކާ ގުޅޭ ގޮތުން ފުރިހަމަ މައުލޫމާތު ހޯދައިގެން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އާއި ރާއްޖޭގެ ގުޅުމާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.
"އަށްޑިހައިގެ އަހަރުތަކުން ފެށިގެން ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް. ހައުސިން ޕްރޮޖެކްޓްތައް ކުރިން ވެސް ހިންގި. މިހާރު ވެސް އިންފްރާސްޓްރަކުޗާ ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި ޗައިނާގެ ހިއްސާ އެބަ އޮތް. ކުވެއިތު ސައުދީ ފަދަ ގައުމުތައް ވެސް މި މަޝްރޫއުތަކުގައި އެހީދޭ،" ސަފީރު ވިދާޅުވި އެވެ.
ޗައިނާ އިން ރާއްޖޭގައި އަސްކަރީ ބޭސްއެއް ގާއިމު ކުރަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކައާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ އެފަދަ ވާހަކައެއް މީޑިއާ އިން އަޑުއިވިވަޑައިގެންފައިވާ ކަމަށެވެ.
"ރާއްޖޭގެ 17 ރަށެއް ދޭން އުޅޭ ކަމަށް މީޑިއާ އިން ހަބަރު ލިބުނު. އެރަށްތަކުގެ ނަންތައް ލިސްޓުކޮށްފައި އަޅުގަނޑަށް ދެއްވާ. އިންޑިއާ އެކޭ އެއްގޮތަށް ޗައިނާ ކުންފުނިތަކުން ރާއްޖޭގައި ރިސޯޓުތައް އެބަ ތަރައްގީ ކުރޭ، ރާއްޖޭގައި ނޭވަލް ބޭސްއެއް ގާއިމްއެއް ނުކުރޭ. ޗައިނާ އިން ކުރާ ކަމަކީ މާލޭ އާ މައި ވައިގެ ބަނދަރު ގުޅުވާ ބުރިޖްގެ މަސައްކަތް،" ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮތް ހަލަބޮލި ކަމަކީ މިފަހުގެ ތާރީޚުގައި ސިޔާސީ މަސްތަރަށް އައި ހަމައެކަނި ބަދަލު ނޫން ކަމަށާއި ފެހި ގާނޫނު އަސާސީ އައި ފަހުން ދެތިން ފަހަރު މަތިން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވި ކަމަށް ސަފީރު ވިދާޅުވި އެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމު ކޯޓުން ނެރުނު އަމުރާއި އެއަށް ފަހު ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ވެސް ސަފީރު ވަނީ އިންޑިއާގެ ނޫހަށް މައުލޫމާތި ދެއްވައިފަ އެވެ. އެބޭފުޅުން ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.