ވެޓަރަންސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިޔާ 2-1 ލަނޑުން ބަލިކޮށް، ވީބީން ގްރޫޕްގެ ތިން ވަނަ މަޤާމް ހޯދައިފި އެވެ. މިއީ ވެޓަރަންސް ކަޕުގެ ދެވަނަ ބުރުގައި ވީބީއަށް ލިބުނު ފުރަތަމަ ކާމިޔާބީ އެވެ.

އިއްޔެ ކުޅުނު މެޗްގެ 12 ވަނަ މިނެޓްގައި ވީބީއަށް ލީޑް ނަގައިދިނީ އަބްދުﷲ ހަލީމެވެ. މެޗް ނިމެން 10 މިނެޓަށްވެފައިވަނިކޮށް ވީބީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑް ފުޅާކޮށްދިނީ ޝާހު އިސްމާއީލެވެ. ވެލެންސިޔާއިން ޖެހި ހަމައެކަނި ލަނޑު ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗްގެ 51 ވަނަ މިނެޓްގައި ވެލެންސިޔާއަށް މިލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމެވެ.

މި މެޗުން ވީބީ މޮޅުވުމުން އެ ޓީމުވަނީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ. ގޯލެއްގެ ތަފާތުން ހަތަރު ޕޮއިންޓާއެކު ދެ ވަނާގައި ވެލެންސިޔާ އޮތްއިރު ދެމެދު ކުޅެގެން އެއްވަނާގައި އުޅެނީ ވިކްޓަރީއެވެ. ވިކްޓަރީއަށް ދެމެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނިއުއަށް ތާވަލުގެ ހަތަރުވަނަ ތިންޕޮއިންޓާއެކު ލިބޭއިރު ފުލުގައި އޮތް މާޒިޔާއަށް ތިން މެޗުން ލިބުނީ ދެ ޕޮއިންޓެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.

އެގޮތުން މި ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭނެ އެވެ. މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ތާވަލުގެ އެންމެ ކުރީގައި އުޅޭ ވިކްޓަރީއާއި ފުލުގައިވާ މާޒިޔާއެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:35 ގަ އެވެ.