25 May 2010, 11:08
14:30
ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ބޭނުންވެގެން ފޮރިން މިނިސްޓްރީން ހޯދަން ވެގެން ހުށަހެޅި ލިއުންތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް މިއަދު މެންދުރު ފޮނުއްވައިފި އެވެ.
ޑރ. ޝަހީދު ކުރިން ވިދާޅުވެފައި ވަނީ އެ ލިއުންތައް ކުރިން ނުފޮނުއްވުނީ އެމަނިކުފާނު ރަށުން ބޭރުގައި އުޅުއްވުމުން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ، ގައުމީ ސަލާމަތާ ބެހޭ މަޖިލިސްއާ ބެހޭ ލިއުންތަކެއް ކަމަށް ވުމުން، އެ ލިއުންތައް ހުރީ ސީދާ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށެވެ. ނަމަވެސް މިއަދު މެންދުރު 2:10 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުއްވައިފައިވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ވިދާޅުވީ އެ ލިއުންތައް މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަޖިލީހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.