18 Feb 2018, 09:43
އދ. އޮމަދޫ ކައުންސިލްގެ އިދާރާ ފަޅާލައިފިއެވެ.
އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ފިކުރީ މިއަދު ސަން އަށް ވިދާޅުވީ ކައުންސިލް އިދާރާ ފަޅާލާފައި ހުރިކަން ފާހަގަވީ އިއްޔެ ކަމަށެވެ.
"ބުރާސްފަތި ދުވަހު އޮފީސް ބަންދުކޮށްފައި، ވީކެންޑްގައި އޮފީސް ނުއެއް ހުޅުވާނެ ދެއްތޯ. އެކަމަކު އިއްޔެ ކުއްޖަކު އޮފީހަށް ދިޔަ ތަނާ އެކަން ފާހަގަވީ،"
އޮފީސް ތެރެއަށް ވަދެފައި ވަނީ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށް ފިކުރީ ވިދާޅުވިއެވެ.
"ތިޖޫރީ އިން ބަޔަށް ވަދެފައެއް ނުވޭ. އެތަން އިންނާނީ ވެސް ތަންކޮޅެއް ސެކިއުރިޓީ ވަރުގަދަކޮށް،"
ފިކުރީ ވިދާޅުވީ ކައުންސިލް އިދާރާ ފަޅާލައިގެން ވަގަށް ގެންދިޔައީ ކޮންއެއްޗެއްކަން އަދި ވިދާޅުވުމަށް ދަތި ކަމަށެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އދ. އޮމަދޫ ކައުންސިލްގެ އިދާރާ އިން ވައްކަން ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
އޮމަދޫ އަކީ 1،078 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.