21 Aug 2011, 14:37
ސަރުކާރުން މިހާރު ގެންނަން މަސައްކަތްކުރާ ޓެކްސް ރިފޯމް ބައްޓަން ކުރާ ގޮތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިގު މުއްދަތުގައި ބޮޑަތި ގެއްލުންތަކެއް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާ، މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ( މިއަދު ދެއްވައިފި އެވެ.
ޓެކްސް ނެގުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ސަރުކާރަށް މަރުހަބާ ވިދާޅުވަމުން ޖަނާ ވަނީ ޓެކްސް ރިފޯމް އެޖެންޑާގައި ހުރި ބައެއް ފޫނުބެދޭ ކަންކަމުގެ މައްޗަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކޯޕަރޭޓް ޓެކްސް އާއި އިންކަމް ޓެކްސް އެކުއެކީގައި ނަގަން ފެށުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި ޓެކްސް ތައާރަފް ކުރަން ޖެހޭނީ ވިޔަފާރިތައް ފުޅާކުކުރެވޭނެ މަގުތަކެއް ތަނަވަސްކޮށްދިނުމަށް ފަހު ކަމަށެވެ.
"ވިޔަފާރިތަކައް މެނޭޖްކުރެވޭނެ ގޮތަކަށް، އިމްޕެކްޓް ވީހާ ވެސް ކުޑަވާނެ ގޮތަކަށް އަޅުގަނޑުމެން ކަންތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. ކޯޕަރޭޓް ޓެކްސް އާއި އިންކަމް ޓެކްސް އެކުއެކީގައި އައުމަކީ ވެސް މެނޭޖްކުރަން ދަތިވާނެ ކަމެއް. ދެން ހަމައެއާ އެއްކޮށް ކޯޕަރޭޓް ޓެކްސްގެ ތެރެއިން އެ ކެނޑިގެންދާ ބައިތައް، ޑިވިޑެންޑް އިން ޓެކްސް ކުރެވިފައި އަނެއްކާ އިންކަމް ޓެކްސް އައިމާ އޭރުން ]އެއީ މައްސަލައެއް[. ރާއްޖޭގައި މިހިރީ ވަރަށް ގިނަ އާއިލާތަކާއި އަދި ރަހުމަތްތެރިން ގުޅިގެން އުފެދިފައި ހުރި ވިޔަފާރިތައް، އެހެންވީމާ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް،" ސިންގަޕޫރާއި ނިއުޒިލޭންޑްގައި ވެސް ވިޔަފާރި ކުރައްވާ ޖަނާ ވިދާޅުވި އެވެ.
އޭނާ ރައީސްކަން ކުރައްވާ މަސީން މިހާރު ވަނީ އިންކަމް ޓެކްސްގެ ބިލްތައް ދިރާސާ ކުރުމަށް ވެސް ނިންމައިފަ އެވެ.
ޖަނާ ވިދާޅުވީ ސަރުކާރުން ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ވިސްނާ އުސޫލުން ވިޔަފާރިތައް ފުޅާކުރުމަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމުތަކަކާއި އުސޫލުތަކެއް ސަރުކާރުން މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޓެކްސްގެ ގޮތުގައި ވިޔަފާރިތަކުން ނަގާބައި ބޭންކުތަކުން ލުއި ގޮތަކަށް ލޯން ލިބޭނެ އުސޫލުތަކެއް ހަމަޖެހިއްޖެ ނަމަ އެކަން ފޫބެއްދުމަށް ފަސޭހަ ވާނެ ކަމަށެވެ. އެހެން ނޫނީ ފުނޑިގެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ފައިނޭންސަށް ބަލާ އިރު ]ވިޔަފާރި ތަރައްގީ ކުރުމަށް[ ވަރަށް ބޮޑު އިންޓަރެސްޓް ރޭޓެއްގައި މި ލޯން ލިބެނީ. މިހާތަނަށް ގިނަ މީހުން މި ކުރާ ކަމަކީ އެ ލިބޭ ފައިދާގެ ތެރެއިން ބޮޑުއެއްޗެއް އަލުން އިންވެސްޓް ކުރަނީ. މި ޑިވިޑެންޑުގެ ތެރެއިން އެމީހުންގެ ވިޔަފާރިތައް ފުޅާކުރަނީ. އަޅުގަނޑުގެ ބިރަކީ މިސާލަކަށް، އެ މީހުންނަށް އެ ފައިދާ ރި އިންވެސްޓްނުކޮށް ޓެކްޒޭޝަންގެ ތެރެއިން އެބައި އުނިވެ، އަގު ހެޔޮކޮށް ވިޔަފާރިތައް ފުޅާ ކުރުމަށް ލިބޭ ފައިސާ ނުލިބި، ވިޔަފާރިތައް ފުޅާވެގެން ދިޔުން ]މަޑުޖެހިދާނެތީ[. އޭރުން މެދު ފަންތީގެ މީހުން އެ ހިސާބަށް ދާން ]މަތީ ފަންތިއަށް ދިއުމަށް[ ވަރަށް ދުވަސް ނަގާނެ. ޓެކްސް ނަގާ އިރު މުޅި ސިސްޓަމްގެ ތެރެއަށް އެބަ ވިސްނަން ޖެހޭ،" ޖަނާ ވިދާޅުވި އެވެ.
ވަކިން ކޮންސްޓަރަކްޝަން އިންޓަސްޓްރީއަށް އަލިއަޅުވާލައްވައި ޖަނާ ވިދާޅުވީ ޓެކްސް ނަގާ އިރު ގެތައް މަރާމާތުކުރުމަށް ރާއްޖެ އަށް އިމްޕޯޓް ކުރާ ސާމާނުގެ ޑިއުޓީ މުޅިންހެން ކަނޑާލަން ޖެހޭ ކަމަށާއި އެހެން ނޫނީ ކޮންސްޓްރަކްޓަރުން އިނދަޖެހިގެން ދާނެ ކަމަށެވެ. އަދި އެ ޑިއުޓީ މާފު ނުކޮށްދީފި ނަމަ އިންވެސްޓްމަންޓް ބޮޑުވެ، ކުންފުނިތައް ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.
"ރާއްޖެ އިން ހައުސިން ލޯންއެއް މިލިބެނީ 12 ޕަސެންޓް އިންޓަރެސްޓްގައި. ބިލްޑިންގްތައް އެޅުމަށްޓަކައި ހަރަދުކުރަން ޖެހޭ އިންވަސްޓްމަންޓް އެބަޖެހޭ ކުޑަކުރަން. އޭރުން ގެތައް އެޅިގެން ދާނީ. ދެން ވާނީ މީގެ ދެ ތިން އަހަރު ފަހުން 12 ޕަސެންޓުގައި ބޮރޯ ކުރާ މީހުން އެކަށީގެންނުވާ ބޮޑަތި ހަރަދުގައި ބިލްޑިންގްތައް ހެދީމާ އެމީހުން ހަމަ ގޮސް ދަރަނިވެރިވެ، އެއީ އިކޮނޮމީއަށް ގެއްލުން ލިބޭ ކަމަކަށް ވެދާނެ. މިސާލަކަށް އެމެރިކާގެ ސަބް ޕްރައިމް މޯގޭޖް ކުރައިސިސްގައި ލާރިދޭން އެތައް ފަރާތްތަކަކުން އައިމާ އެ ލާރި ބޮޑު އިންޓަރެސް ރޭޓްގައި ބޮރޯ ކޮށްގެން އެންމެ ފަހުން އެ އަނބުރާ ނުދެއްކިގެން އެކޮނޮމީ އަށް އަސަރުކޮށް މިޑުލް އިންކަމް މީހުން ހަލާކުވެގެން ދިޔައީ،" ޖަނާ ވިދާޅުވި އެވެ.
ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖެ ބޭނުންވެފައިވާ ދުވަސްވަރެއްގައި ޓެކްސް ނަގަން ޖެހޭނީ ބޭރުގެ އިންވެސްޓަރުންނަށް އެކަމުން ގެއްލުން ނުލިބޭނެ ފައިދާ ހޯދޭނެ ގޮތަކަށް އޮންނަ ނިޒާމަކަށް ކަމަށާއި އެހެން ނޫނީ ބޭރުގެ އިންވެސްޓްމަންޓްތައް ހުއްޓިދާނެ ކަމަށް ޖަނާ ވިދާޅުވި އެވެ.
"އެމީހުން އައުމުގެ ކުރިން ބަލާނެ ގައުމުގެ ޓެކްސް ނިޒާމު އޮތީ ކިހިނެތްތޯ. ޓެކްސް އަކީ އެހެން ގައުމުތަކާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ ގައުމަކީ ކޮމްޕެޓެޓިވް]ވާދަވެރި[ ގައުމަކަށް ނުވެއްޖިއްޔާ އެމީހުން މިތަނަށް އައިސް އިންވެސްޓް ކުރާ ކަށް ޝައުގުވެރިކަމެއް ނުހުންނާނެ. ކޮންމެ ގައުމަކަށް ވެސް ބޮޑަތި އިންވެސްޓްމަންޓްތަކާއި އެކި ވަރުގެ އިންވެސްޓްމަންޓްތައް މިގެންނަނީ އެ ގައުމެއްގެ އެޓްރެކްޓިވްނެސް އަށް ]ޝައުގުވެރިކަމަށް[ ބަލާފައި. މިސާލަކަށް ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ރާއްޖެ ނާންނާނެ އޭނާ އެ ހަރަދުކުރާ އިންވެސްޓްމަންޓް ސިންގަޕޫރަށް ވުރެ މިތާ ފައިދާ ބޮޑުކޮށް ނުނެރެވެންޏާ،" ޖަނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ "ޓެކްސްއަކީ ވަރަށް އެޓްރެކްޓިވް އެއްޗެއް ކޮންމެ ސަރުކާރަކަށް ވެސް، އެހެންވީމާ ޓެކްސް ނެގޭ އިރު ވިޔަފާރިތައް ޝޯޓް ޓާމްގައި އޭގެ މަންޒަރު ވަރަށް ރީތި ވާނެ. ލޯންގްޓާމްގައި އެ ނުބައިކޮށް ގެންދެވިއްޖިއްޔާ، އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑުވާނެ އެކޮނޮމީ އަށް."