ގައުމުގެ އަމާންކަން ގެއްލޭގޮތަށް އަދި ސަރުކާރު ވެއްޓާލަން ހިތްވަރު ލިބޭގޮތަށް ބައެއް މީޑިއާތަކުން އަމަލު ކުރަމުންދާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންނަށް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކޮށްފައެވެ.

ބްރޯޑް ކޮމްއިން މިއަދު ނެރުނުބަޔާނެއްގައި ބުނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދެމުންދާ ކަމަށް ވެސް ބްރޯޑް ކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބޭއްވޭ މުޒާހަރާތައް ލައިވް ކުރަމުންދާކަން ފާހަގަކޮށް ބްރޯޑް ކޮމްއިން ބުނީ ގާނޫނާ ހިލާފުވާ މީޑިއާތަކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

"ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ޚާއްސަ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކުރުމަށް ސަމާލުކަމެއް ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ކޮމިޝަނުން ދެކޭކަމަށް މި ދަނޑިވަޅުގައި ފާހަގަކުރަން" ބްރޯޑް ކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބްރޯޑްކޮމް އިން ބުނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަދި ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަންވެސް އަރުވަން.،"

“މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން”އަށް އަމަލުކުރުމަށް ބްރޯޑްކޮމްއިން ވަނީ ގޮވާލައިފައެވެ.